ހިތް އަދު ރޮނީޔޭ
މައިސޫން މޫސާ
“ޝަހުމްއަށް ވަރަށް އަވަހަށް މި އިންޖެކްޝަން ބޭނުންވޭ….އަވަސް ކޮށްލާތި އިނގޭ!…” ޑޮކްޓަރުގެ ސިޓީ ހަމަ ދިއްކޮށްލުމާއިއެކު ފަޒާލް އަވަހަށް ދުއްވައިގަތީ އޭގައިވާ އެއްޗެތި ހޯދާށެވެ.
އެކަމަކު ދާދި ދެންމެ އަކު އެ ލިބުން ޚަބަރަކުން ލަޔާއަށް ވަރަށް ބޮޑު ސިހުމެއް ލިބިގެން ހިނގައްޖެއެވެ. ޝަހުމް ގެ ނަން އިވުމާއިއެކު އޭނާއަށް ކޮންމެވެސް ވަރަކަށް އެ ސީރިއަސް ވެގެން އުޅޭ ބަލިމީހާއަކީ އޭނާގެ ލޯ ތާއަބަދު ދުށުމަށް އެދޭ މީހާކަމާއިމެދު އޭނާގެ ހިތް ޝައްކާއި ވަހުމުން ފުރެމުން ދިޔައެވެ.
ލަޔާއަށް އެއްވެސް އިޚްތިޔާރަކާއިނުލައި ޝަހުމްގެ އެނދާއި ދިމާލަށް ހިނގައިގަނެވުނެވެ. އޭނާ ހީވަނީ އަމިއްލަ ކޮންޓްރޯލް އިން ނައްޓާފައިވާ ބުދެއްހެންނެވެ. އެނދުގެ ވަށައިގެން ދަމާފައިވާ ފަރުދާގެ އެއްފަރާތުގައި ހިފައިލުމާއިއެކު ލަޔާއަށް ލޯ މަރާލެވުނެވެ. ކުރިއަށް ހިނގާ ސިކުންތު ކޮޅުގައި ފެނިގެންދާނީ ދުށުމަށް އެންމެ ހިތް ނޭދޭ މަންޒަރު ކަމުގައި ހީވި ކަހަލައެވެ. އެއާއިއެކު ލަޔާއަށް ނޭވާ އެތެރެއަށް ހިފަހައްޓާލަން ޖެހުނެވެ. ކުރިމަތިން ފެންނަމުން އެދަނީ ލަޔާ އެމީހަކަށްޓަކައި ރެއިން ފެށިގެން އިންތިޒާރު ކުރަމުން އައި އޭނާގެ ހިތުގެޝިފާ ކަމުގައިވީ ޝަހުމްއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ލަޔާގެ ލޮލުން ކަރުން އޮހޮރިގަތެވެ. ލަޔާއަށް ވަރަށް ބޮޑަށްވެސް އަސަރު ކޮށްފިއެވެ. އޭނާ ރޮއެ ރޮއެ ހުއްޓާ ފަޒާލްއަށް އެތަނަށް އާދެވުނެވެ. ލަޔާ އެ ޙާލުގައި ފެނުމުން ފަޒާއަށް ހުރެވުނީ ވާނުވާ ނޭގިފައެވެ. ކިހިނެއްވީތޯ ސުވާލުކުރުމުން ވެސް މާއެދެވޭ ކަހަލަ ޖަވާބެއް އޭނާއަކަށް ނުލިބުނެވެ. އެހެންކަމުން އިތުރަށްވެސް އޮޅުން ފިލާތޯ ފަޒާލް ލަޔާއާއި ވާހަކަ ދައްކަމުން ދިޔައެވެ. އޭނާއަށް ބަލައިލެވުނީ ލަޔާލްގެ އަތުން އިޝާރާތް ކުރަމުން ދިޔަ ދިމާލަށެވެ. އެވަގުތު ޖަވާބެއް ނެތް ސުވާލުތަކެއް އޭނާގެ ބޮލު ތެރޭގައި ފުނި ޖެހެމުން ދިޔައެވެ.
އަނެއްކާ! ކީއްވެބާ ލަޔާ މި ރޮނީ؟ ތިއްތޭ ފެނިގެންތަ؟….މި ދެ މީހުންގެ ގުޅުމެއް އޮތީބާ؟…ވެދާނެ ދޯ…. ދެން ނޭނގެ…މި ކަހަލަ އެއްޗެހި ތަކެއް ފަޒާލްގެ ހިތަށް އަރަމުން ދަނިކޮށް އަނެއްކާވެސް ލަޔާލް ރޯންފެށިއަޑު އިވުނެވެ.
“އެއީ ހަމަ އަސްލުވެސް ޝަހުމްތަ؟…ނޫން ދޯ….އެއީ ޝަހުމް އެއް ނޫނޭ ބުނޭ….ހެޔޮނުވާނެ…” މިފަހަރު ލަޔާލްގެ ވާހަކަ ހުރި ގޮތުން ފަޒާލްއަށް ޔަޤީން ކުރެވުނީ އެދެމީހުން އުޅެނީ ރަށްޓެހިވެގެން ކަމުގައެވެ. ލަޔާލްއަށް މިހާ އަސަރުތަކެއް ކޮށްގެން މިއުޅެނީ އެހެންވެގެން ކަމަށެވެ. ފަޒާލް ވަރަށް އުފާވިއެވެ. އެއީ އޭނާ ވަރަށް ލޯބިވާ ދެ މީހުން އޭނާގެ ވަރަށް ގާތް ދެމީހަކަށް ވެފައިވާކަން އެނގުމުންނެވެ. އޭނާ ހީކުރީ ފަޒާލް ރަށްޓެހިވެގެން އުޅުނު ނީޒާ އާއި ދުރުވެ، ލަޔާލް އާއި ރަށްޓެހިވެގެން އުޅެންފެށީކަމުގައެވެ. ސަބަބަކީ، ނީޒާއަކީ އެއް އިރެއްގައިވެސް އޭނާގެ ފަހަރިއަކަށް ވާން އޭނާ އެދޭ ކުއްޖެއް ނޫން ވީމައެވެ. އެހެންކަމުން، ކުޑަކޮށް ހެވިފައިހުރެ، ފަޒާލް މަސައްކަތް ކުރަމުން ދިޔައީ، މިހާރު ޝަހުމް ގެ ޙާލު ވަރަށް ބޮޑު ތަން ރަނގަޅު ވަމުން އަންނަކަން ލަޔާއަށް އަންގައިދިނުމަށެވެ.
“އޯ…. ސިސީ….ނިކަން ހަމަޖެހިބަލަ…ތިއްތޭ މިހާރު ހޭ އަރައިފިއޭ….ދެން މިތަނުން ރޫމެއް ހަމަ ލިބުނު ހާ އަވަހަކަށް ރޫމަކަށް ބަދަލު ކުރާނެ ވާހަކަ ސިސީގެ ދޮންތި ބުނެފިއޭ….އަވަހަށް ހުއްޓާލާ ދެން…ޝްޝްޝް…” ފަޒާލް ލޯތްބާއިއެކު ލަޔާލްގެ ލޮލުން ކަރުނަތައް ފުހެދެމުން ބުނެލިއެވެ.
“ޝަހުމް އަކީ ފަޒާގެ ބޭބެއެއްތަ؟ ….ކިހިނެއްތަ ވީ ޝަހުމްއަށް؟……އޭނައަކަށް ހިއެއްނުވެ މަމީ ކާކުކަން އިނގޭނެ ހެނެއް…” ލަޔާލް ވަރަށް ޙައިރާންވެ އިނދެ ފަޒާލްގެ މޫނަށް ބަލައިލިއެވެ. ޖަވާބެއްނެތް ސުވާލުތަކެއް އެ ދެލޮލުގައި ވިއެވެ.
“ކީކޭ؟ ތިއްތޭއަކަށް ނޭނގޭނޭ….ދެން ކީއްވެ ސިސް ތިހާވަރަކަށް ރޯން ޖެހުނީ…އަނެއްކާ ސިސް ތިއްތޭ ދެކެ.އައި ތޯޓް ދެއަރ އިޒް ސަމްތިން ބިޓްވީން ޔޫ ޓޫ އޭ….” ފަޒާލް ވާނުވާ ނޭނގި އިނދެ އޭނާއަށް އެނގިފައިވާ މިންވަރަކަށް ލަޔާއަށް އޮޅުންފިލުވައިދެމުންދިޔައެވެ.
“ކޯޒް އައި ލަވް ހިމް ………އައި ނީޑް ހިމް ވެރީ ބޭޑްލީ!….” ލަޔާއަށް ވަރަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ނަސީބަކުން އޭރު އެތަނުގައި އިތުރު މީހަކު ފެންނާކަށް ނެތެވެ. އެހެންނޫން ނަމަ ލަޔާލް ބޭޒާރު ވީސްކަން ގައިމެވެ. ފަޒާލްއަށް އިންތަނުން ތެދުވެވުނެވެ. އެއީ އޭނާވެސް ބޭނުންވި ގޮތެވެ. އެހެނަސް ޝަހުމްއަކީ އެހެން މީހެއްގެ ލޯބީގައި ދީވާނާ ވެފައިވާ މީހެކެވެ. ނީޒާ ނޫން އެހެން އަންހެން ކުއްޖަކާއި ދޭތެރޭ އެކެހަލަ ނަޒަރަކުން ބަލައިވެސް ނުލާނެކަން ފަސް އިނގިލި އެނގޭ ފަދައިން ފަޒާލްއަށް އެނގެއެވެ. ލަޔާލްއަށް ތެދުތެދަށް ހުރިހާ އެއްޗެއް ކިޔައިދިނުން ނޫން ގޮތެއް މިއަދު ފަޒާއަކަށް ނެތެވެ. އެހެން ކަންތައް ނުކޮށްފިނަމަ އެއީ ލަޔާލްގެ ހިތަށް ދެވޭ އަނިޔާއެކޭ އޭނާއަށް ހީވަމުން ދިޔައެވެ. ވަރަށް ހިތްވަރު ކޮށްފައި އެ ހިތި ޚަބަރުގެ ވާހަކަ ފަޒާލް ލަޔާއަށް ކިޔައިދިނެވެ.
ފަޒާލް އެބުނީ ޙަޤީޤަތުގައި ދުވަހަކުވެސް ލަޔާލް އަޑުއަހަން ހިތުލީ ވާހަކަ ތަކެއް ނޫނެވެ. ޝަހުމްގެ ލޯބީގައި ރޭގަނޑެއް އެއްކޮށް ނިދިން މަޙްރޫމްވެގެން އުޅުނު އިރު އޭނާއަކީ އެހެން މީހެއްގެ ޙައްޤެކޭ މީހަކު ބުނެފާނެ ކަމަކަށް ލަޔާލް އަކަށް ނުވިސްނެއެވެ. މި އިވުނު އަޑަކީ އޭނާ އެއްގޮތަކަށްވެސް ޤަބޫލުކުރަން ބޭނުންވި ވާހަކަތަކަކަށް ނުވި ނަމަވެސް އެއީ ބަދަލު ނުކުރެވޭނެ ޙަޤީޤަތެއް ކަމަށް ފަޒާލް ތަކުރާރު ކޮށް ބުނަމުން ދިޔައެވެ.
އެވަގުތަކީ ފާއިޒް ދޫކޮށްލައިގެން ގެއަށް ގެންދިއުމަށް ލަޔާލްގާތު ބުނަން ލައިޝާ އައި ވަގުތެވެ. އެހެނަސް އޭނާއަށް ފެނުނީ އޭނާގެ ދެލޯފަދަ ލޯބިވާ ކޮއްކޮ އެއްވެސް ޙަރަކާތެއް ނެތި އެތަނުގައި ހުރި ގޮނޑިބަރިއެއްގެ ގޮނޑިއަކަށް ވެއްޓިފައި އިން ތަނެވެ. ކައިރީގައި ފަޒާލްވެސް ކޮންމެވެސް ވާހަކައެއް ދައްކަން ހުއްޓެވެ. ލަޔާލް ގެ ފަރާތުން ފަޒާލް ވެސް ވަނީ ލައިޝާއާއި ވަރަށް ބޮޑަށް އެކުވެރިވެފައެވެ.
ލައިޝާ ހީކުރީ ލަޔާލް ރޮމުން އެދަނީ ފާއިޒް އަނެއްކާވެސް ބަލިވުމުން ކަމުގައެވެ. ނަމަވެސް އެމީހުންނާއި ކައިރިވަމުން ދިޔަ ވަރަކަށް ދެކެވެމުން ދިޔަ ވާހަކަ އަޑު އިވެމުން ދިޔައެވެ. ކަން ވީގޮތް ލައިޝާއަށް އެނގޭކަށް މާ އުނދަގުލެއްނުވިއެވެ. އޭނާ ވަރަށް ދެރަވިއެވެ. އޭނާގެ ކޮއްކޮ އެއްވެސް ކަމަކާއި ހެދި ރޮއެ ހިތާމަ ކުރުމަކީ އެނާ އެއްވެސް ޙާލެއްގައި ދެކޭކަށް ކުޅަދާނަވާނެ ކަމެއް ނޫނެވެ. އެހެނަސް އޭނާ ހިތްވަރު ކުރާނެއެވެ. ލަޔާއަށް ވިސްނައިދޭނެއެވެ. ބޭނުން ކޮންމެ އެއްޗަކީ ނުވަތަ ލޯބިވާ ކޮންމެ މީހެއް އެއްވެސް މީހަކަށް ނުލިބޭނެއެވެ. އެކަން އެންމެ ރަނގަޅަށް އިޙްސާސް ކޮށްފައިވާ ބަޔަކަށް އެދެކުދިން ވާނެއެވެ. ކުޑަ ކުޑަ އިރު މަންމައެއްގެ ލޯބިން އެކުދިން ވަނީ މަޙްރޫމްވެފައެވެ. އެހެނަސް އެކުދިން އެކަމަކާއި އެއްވެސް ޝަކުވާއެއް ނެތި ދިރިއުޅެމުން އައެވެ. ލަޔާލް އެކަހަލަ ވާހަކައެއް ދެއްކިއަސް ލައިޝާ އޭނާއަށް ކަން އޮތްގޮތް ރަނގަޅަށް ކިޔައިދިނެވެ. އެ ވާހަކަ ތަކުން ލަޔާލްގެ ޝަކުވާތައް މަދުވަމުން އައިސް އޭނާ ގެ ޢުމުރުން ސާދަ ފަނަރަ އަހަރަށް އަރައިގެންއައި ފަހުން އެއްވެސް ގޮތަކަށް ޝަކުވާއެއް ނުކުރެއެވެ. އެހެންކަމުން ލައިޝާ ނިންމީ މިފަހަރުވެސް ލަޔާލް ހަމަޔަކަށް އެޅުމުން އެކަމާއި ވާހަކަ ދެއްކުމަށެވެ. ލަޔާލްއަށް ގޮވާލުމަށްފަހު ބައްޕައާއި އެކު ގެއަށް ދާން ބުނުމުން ކުޑަކުއްޖަކު ފަދައިން ބަސްއަހައިގެން ލައިޝާ ފަހަތުން ދާން ހިނގައިގަތެވެ.
…………………………………………………………………………………….
ޕްރައިވެޓް ރޫމަކަށް ޝަހުމް ބަދަލު ކުރެވުނީއްސުރެ ފަޒާލް އިންތިޒާރު ކުރަމުން ދިޔައީ ޝަހުމްއާއިއެކު އެކަނި ވެވޭނެ ވަގުތަކަށެވެ. އެންމެފަހުން އޭނާ ނިންމީ އެރޭ އަންނަން ގެއަށް ގޮސްލުމަށެވެ. މާލެއަށް އައި ގޮތަށް ގެއަށް ދަބަސް އެއްލާލައިފައި ދިޔަ މީހާ ގެއަށް ވަނީ އެދުވަހު އިރު އޮށްސެނިކޮށެވެ. ގޭ މީހުން ގުޅުމުން އޭނާ ހުރީ ޝަހުމް ކައިރީގައޭ ބުނުމުން އެކަކުވެސް އޭނާއާއި ދިމާލަކަށް އެއްޗެއް ނުބުނެއެވެ. އެއީ އެންމެނަށްވެސް އެދެކުދިންގެ ގުޅުން އެނގޭތީއެވެ. ދެބެންގެ ދެދަރިންގެ ގުޅުމަށްވުރެ އެދެކުދިންގެ ގުޅުމަކީ މާ ވަރުގަދަ އެއްޗެކެވެ. އެކަކަށް ކަމެއް ދިމާވެއްޖެނަމަ އަނެކަކު މަރު ދޭހައިވެއެވެ.
“ދަރިފުޅާ…ދެން އާދޭ ކާން.މަންމައަށް ހަމަ ޔަޤީން އަދި ތިއުޅެނީ އެއްވެސް އެއްޗެއް ނުކައިކަން.” ފަޒާލް ގެއަށް އައިސް ވަތްތަނުން ފަސީހާ އޭނާއަށް ގޮވާލިއެވެ.
“އެބައަންނަން ފެންވަރާލައިގެން…މަންމާ…އާދެބަލަ އަޅުގަނޑަށް ޓީޝާރޓެއް އިސްތިރި ކޮށްދޭން.” ފަޒާލްއަށް ބަނޑުހައިވެފައިވާކަންވެސް ދެނެގަނެވުނީ އޭނާގެ މަންމަ ކާން ހަދާފައި ގޮވުމުންނެވެ.
ވެފައިހުރި ވަރުބަލި ކަމާއެކީ ފަޒާލްކައިގެން އައިސް ޖައްސާލި ތަނުން ނިދީގެ ތެރެއަށް ގެނބިގެން ދިޔައެވެ. މެންދަމުގެ ވަގުތެވެ. އޭނާއަށް ހޭލެވުނީ ހޫނުވާތީއެވެ. ނަމަވެސް ފަޒާލް ވަނީ މާ ބޮޑަށް ވަރުބަލިވެފައެވެ. އެހެންއޮއްވައި އޭނާގެ ހަނދާނަށްއައީ، މާލެ އައިފަހުން ވެސް ލަންކާގައި ގެންގުޅުނު ސިމް އޭނާގެ ފޯނުގައި އޮތްކަމެވެ. އޭނާއަށް ޔަޤީނެވެ. މިހާރު އެތަކެއް ކޯލްތަކެއް މިސްވެފައި ހުންނާނެއެވެ.
No comments:
Post a Comment