Sunday, May 11, 2014

hiy adhu roneeyey 5

ހިތް އަދު ރޮނީޔޭ        
މައިސޫން މޫސާ 
 “ޝަހުމްއަށް ވަރަށް އަވަހަށް މި އިންޖެކްޝަން ބޭނުންވޭ….އަވަސް ކޮށްލާތި އިނގޭ!…” ޑޮކްޓަރުގެ ސިޓީ ހަމަ ދިއްކޮށްލުމާއިއެކު ފަޒާލް އަވަހަށް ދުއްވައިގަތީ އޭގައިވާ އެއްޗެތި ހޯދާށެވެ.
 އެކަމަކު ދާދި ދެންމެ އަކު އެ ލިބުން ޚަބަރަކުން ލަޔާއަށް ވަރަށް ބޮޑު ސިހުމެއް ލިބިގެން ހިނގައްޖެއެވެ. ޝަހުމް ގެ ނަން އިވުމާއިއެކު އޭނާއަށް ކޮންމެވެސް ވަރަކަށް އެ ސީރިއަސް ވެގެން އުޅޭ ބަލިމީހާއަކީ އޭނާގެ ލޯ ތާއަބަދު ދުށުމަށް އެދޭ މީހާކަމާއިމެދު އޭނާގެ ހިތް ޝައްކާއި ވަހުމުން ފުރެމުން ދިޔައެވެ.
 ލަޔާއަށް އެއްވެސް އިޚްތިޔާރަކާއިނުލައި ޝަހުމްގެ އެނދާއި ދިމާލަށް ހިނގައިގަނެވުނެވެ. އޭނާ ހީވަނީ އަމިއްލަ ކޮންޓްރޯލް އިން ނައްޓާފައިވާ ބުދެއްހެންނެވެ. އެނދުގެ ވަށައިގެން ދަމާފައިވާ ފަރުދާގެ އެއްފަރާތުގައި ހިފައިލުމާއިއެކު ލަޔާއަށް ލޯ މަރާލެވުނެވެ. ކުރިއަށް ހިނގާ ސިކުންތު ކޮޅުގައި ފެނިގެންދާނީ ދުށުމަށް އެންމެ ހިތް ނޭދޭ މަންޒަރު ކަމުގައި ހީވި ކަހަލައެވެ. އެއާއިއެކު ލަޔާއަށް ނޭވާ އެތެރެއަށް ހިފަހައްޓާލަން ޖެހުނެވެ. ކުރިމަތިން ފެންނަމުން އެދަނީ ލަޔާ އެމީހަކަށްޓަކައި ރެއިން ފެށިގެން އިންތިޒާރު ކުރަމުން އައި އޭނާގެ ހިތުގެޝިފާ ކަމުގައިވީ ޝަހުމްއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ލަޔާގެ ލޮލުން ކަރުން އޮހޮރިގަތެވެ. ލަޔާއަށް ވަރަށް ބޮޑަށްވެސް އަސަރު ކޮށްފިއެވެ. އޭނާ ރޮއެ ރޮއެ ހުއްޓާ ފަޒާލްއަށް އެތަނަށް އާދެވުނެވެ. ލަޔާ އެ ޙާލުގައި ފެނުމުން ފަޒާއަށް ހުރެވުނީ ވާނުވާ ނޭގިފައެވެ. ކިހިނެއްވީތޯ ސުވާލުކުރުމުން ވެސް މާއެދެވޭ ކަހަލަ ޖަވާބެއް އޭނާއަކަށް ނުލިބުނެވެ. އެހެންކަމުން އިތުރަށްވެސް އޮޅުން ފިލާތޯ ފަޒާލް ލަޔާއާއި ވާހަކަ ދައްކަމުން ދިޔައެވެ. އޭނާއަށް ބަލައިލެވުނީ ލަޔާލްގެ އަތުން އިޝާރާތް ކުރަމުން ދިޔަ ދިމާލަށެވެ. އެވަގުތު ޖަވާބެއް ނެތް ސުވާލުތަކެއް އޭނާގެ ބޮލު ތެރޭގައި ފުނި ޖެހެމުން ދިޔައެވެ.
އަނެއްކާ! ކީއްވެބާ ލަޔާ މި ރޮނީ؟ ތިއްތޭ ފެނިގެންތަ؟….މި ދެ މީހުންގެ ގުޅުމެއް އޮތީބާ؟…ވެދާނެ ދޯ…. ދެން ނޭނގެ…މި ކަހަލަ އެއްޗެހި ތަކެއް ފަޒާލްގެ ހިތަށް އަރަމުން ދަނިކޮށް އަނެއްކާވެސް ލަޔާލް ރޯންފެށިއަޑު އިވުނެވެ.
“އެއީ ހަމަ އަސްލުވެސް ޝަހުމްތަ؟…ނޫން ދޯ….އެއީ ޝަހުމް އެއް ނޫނޭ ބުނޭ….ހެޔޮނުވާނެ…” މިފަހަރު ލަޔާލްގެ ވާހަކަ ހުރި ގޮތުން ފަޒާލްއަށް ޔަޤީން ކުރެވުނީ އެދެމީހުން އުޅެނީ ރަށްޓެހިވެގެން ކަމުގައެވެ. ލަޔާލްއަށް މިހާ އަސަރުތަކެއް ކޮށްގެން މިއުޅެނީ އެހެންވެގެން ކަމަށެވެ. ފަޒާލް ވަރަށް އުފާވިއެވެ. އެއީ އޭނާ ވަރަށް ލޯބިވާ ދެ މީހުން އޭނާގެ ވަރަށް ގާތް ދެމީހަކަށް ވެފައިވާކަން އެނގުމުންނެވެ. އޭނާ ހީކުރީ ފަޒާލް ރަށްޓެހިވެގެން އުޅުނު ނީޒާ އާއި ދުރުވެ، ލަޔާލް އާއި ރަށްޓެހިވެގެން އުޅެންފެށީކަމުގައެވެ. ސަބަބަކީ، ނީޒާއަކީ އެއް އިރެއްގައިވެސް އޭނާގެ ފަހަރިއަކަށް ވާން އޭނާ އެދޭ ކުއްޖެއް ނޫން ވީމައެވެ. އެހެންކަމުން، ކުޑަކޮށް ހެވިފައިހުރެ، ފަޒާލް މަސައްކަތް ކުރަމުން ދިޔައީ، މިހާރު ޝަހުމް ގެ ޙާލު ވަރަށް ބޮޑު ތަން ރަނގަޅު ވަމުން އަންނަކަން ލަޔާއަށް އަންގައިދިނުމަށެވެ.
“އޯ…. ސިސީ….ނިކަން ހަމަޖެހިބަލަ…ތިއްތޭ މިހާރު ހޭ އަރައިފިއޭ….ދެން މިތަނުން ރޫމެއް ހަމަ ލިބުނު ހާ އަވަހަކަށް ރޫމަކަށް ބަދަލު ކުރާނެ ވާހަކަ ސިސީގެ ދޮންތި ބުނެފިއޭ….އަވަހަށް ހުއްޓާލާ ދެން…ޝްޝްޝް…” ފަޒާލް ލޯތްބާއިއެކު ލަޔާލްގެ ލޮލުން ކަރުނަތައް ފުހެދެމުން ބުނެލިއެވެ.
“ޝަހުމް އަކީ ފަޒާގެ ބޭބެއެއްތަ؟ ….ކިހިނެއްތަ ވީ ޝަހުމްއަށް؟……އޭނައަކަށް ހިއެއްނުވެ މަމީ ކާކުކަން އިނގޭނެ ހެނެއް…” ލަޔާލް ވަރަށް ޙައިރާންވެ އިނދެ ފަޒާލްގެ މޫނަށް ބަލައިލިއެވެ. ޖަވާބެއްނެތް ސުވާލުތަކެއް އެ ދެލޮލުގައި ވިއެވެ.
“ކީކޭ؟   ތިއްތޭއަކަށް ނޭނގޭނޭ….ދެން ކީއްވެ ސިސް ތިހާވަރަކަށް ރޯން ޖެހުނީ…އަނެއްކާ ސިސް ތިއްތޭ ދެކެ.އައި ތޯޓް ދެއަރ އިޒް ސަމްތިން ބިޓްވީން ޔޫ ޓޫ އޭ….” ފަޒާލް ވާނުވާ ނޭނގި އިނދެ އޭނާއަށް އެނގިފައިވާ މިންވަރަކަށް ލަޔާއަށް އޮޅުންފިލުވައިދެމުންދިޔައެވެ.
“ކޯޒް އައި ލަވް ހިމް ………އައި ނީޑް ހިމް ވެރީ ބޭޑްލީ!….” ލަޔާއަށް ވަރަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ނަސީބަކުން އޭރު އެތަނުގައި އިތުރު މީހަކު ފެންނާކަށް ނެތެވެ. އެހެންނޫން ނަމަ ލަޔާލް ބޭޒާރު ވީސްކަން ގައިމެވެ. ފަޒާލްއަށް އިންތަނުން ތެދުވެވުނެވެ. އެއީ އޭނާވެސް ބޭނުންވި ގޮތެވެ. އެހެނަސް ޝަހުމްއަކީ އެހެން މީހެއްގެ ލޯބީގައި ދީވާނާ ވެފައިވާ މީހެކެވެ. ނީޒާ ނޫން އެހެން އަންހެން ކުއްޖަކާއި ދޭތެރޭ އެކެހަލަ ނަޒަރަކުން ބަލައިވެސް ނުލާނެކަން ފަސް އިނގިލި އެނގޭ ފަދައިން ފަޒާލްއަށް އެނގެއެވެ. ލަޔާލްއަށް ތެދުތެދަށް ހުރިހާ އެއްޗެއް ކިޔައިދިނުން ނޫން ގޮތެއް މިއަދު ފަޒާއަކަށް ނެތެވެ. އެހެން ކަންތައް ނުކޮށްފިނަމަ އެއީ ލަޔާލްގެ ހިތަށް ދެވޭ އަނިޔާއެކޭ އޭނާއަށް ހީވަމުން ދިޔައެވެ. ވަރަށް ހިތްވަރު ކޮށްފައި އެ ހިތި ޚަބަރުގެ ވާހަކަ ފަޒާލް ލަޔާއަށް ކިޔައިދިނެވެ.
ފަޒާލް އެބުނީ ޙަޤީޤަތުގައި ދުވަހަކުވެސް ލަޔާލް އަޑުއަހަން ހިތުލީ ވާހަކަ ތަކެއް ނޫނެވެ. ޝަހުމްގެ ލޯބީގައި ރޭގަނޑެއް އެއްކޮށް ނިދިން މަޙްރޫމްވެގެން އުޅުނު އިރު އޭނާއަކީ އެހެން މީހެއްގެ ޙައްޤެކޭ މީހަކު ބުނެފާނެ ކަމަކަށް ލަޔާލް އަކަށް ނުވިސްނެއެވެ. މި އިވުނު އަޑަކީ އޭނާ އެއްގޮތަކަށްވެސް ޤަބޫލުކުރަން ބޭނުންވި ވާހަކަތަކަކަށް ނުވި ނަމަވެސް އެއީ ބަދަލު ނުކުރެވޭނެ ޙަޤީޤަތެއް ކަމަށް ފަޒާލް ތަކުރާރު ކޮށް ބުނަމުން ދިޔައެވެ.
 އެވަގުތަކީ ފާއިޒް ދޫކޮށްލައިގެން ގެއަށް ގެންދިއުމަށް ލަޔާލްގާތު ބުނަން ލައިޝާ އައި ވަގުތެވެ. އެހެނަސް އޭނާއަށް ފެނުނީ އޭނާގެ ދެލޯފަދަ ލޯބިވާ ކޮއްކޮ އެއްވެސް ޙަރަކާތެއް ނެތި އެތަނުގައި ހުރި ގޮނޑިބަރިއެއްގެ ގޮނޑިއަކަށް ވެއްޓިފައި އިން ތަނެވެ. ކައިރީގައި ފަޒާލްވެސް ކޮންމެވެސް ވާހަކައެއް ދައްކަން ހުއްޓެވެ. ލަޔާލް ގެ ފަރާތުން ފަޒާލް ވެސް ވަނީ ލައިޝާއާއި ވަރަށް ބޮޑަށް އެކުވެރިވެފައެވެ.
ލައިޝާ ހީކުރީ ލަޔާލް ރޮމުން އެދަނީ ފާއިޒް އަނެއްކާވެސް ބަލިވުމުން ކަމުގައެވެ. ނަމަވެސް އެމީހުންނާއި ކައިރިވަމުން ދިޔަ ވަރަކަށް ދެކެވެމުން ދިޔަ ވާހަކަ އަޑު އިވެމުން ދިޔައެވެ. ކަން ވީގޮތް ލައިޝާއަށް އެނގޭކަށް މާ އުނދަގުލެއްނުވިއެވެ. އޭނާ ވަރަށް ދެރަވިއެވެ. އޭނާގެ ކޮއްކޮ އެއްވެސް ކަމަކާއި ހެދި ރޮއެ ހިތާމަ ކުރުމަކީ އެނާ އެއްވެސް  ޙާލެއްގައި ދެކޭކަށް ކުޅަދާނަވާނެ ކަމެއް ނޫނެވެ. އެހެނަސް އޭނާ ހިތްވަރު ކުރާނެއެވެ. ލަޔާއަށް ވިސްނައިދޭނެއެވެ. ބޭނުން ކޮންމެ އެއްޗަކީ ނުވަތަ ލޯބިވާ ކޮންމެ މީހެއް އެއްވެސް މީހަކަށް ނުލިބޭނެއެވެ. އެކަން އެންމެ ރަނގަޅަށް އިޙްސާސް ކޮށްފައިވާ ބަޔަކަށް އެދެކުދިން ވާނެއެވެ. ކުޑަ ކުޑަ އިރު މަންމައެއްގެ ލޯބިން އެކުދިން ވަނީ މަޙްރޫމްވެފައެވެ. އެހެނަސް އެކުދިން އެކަމަކާއި އެއްވެސް ޝަކުވާއެއް ނެތި ދިރިއުޅެމުން އައެވެ. ލަޔާލް އެކަހަލަ ވާހަކައެއް ދެއްކިއަސް ލައިޝާ އޭނާއަށް ކަން އޮތްގޮތް ރަނގަޅަށް ކިޔައިދިނެވެ. އެ ވާހަކަ ތަކުން ލަޔާލްގެ ޝަކުވާތައް މަދުވަމުން އައިސް އޭނާ ގެ ޢުމުރުން ސާދަ ފަނަރަ އަހަރަށް އަރައިގެންއައި ފަހުން އެއްވެސް ގޮތަކަށް ޝަކުވާއެއް ނުކުރެއެވެ. އެހެންކަމުން ލައިޝާ ނިންމީ މިފަހަރުވެސް ލަޔާލް ހަމަޔަކަށް އެޅުމުން އެކަމާއި ވާހަކަ ދެއްކުމަށެވެ. ލަޔާލްއަށް ގޮވާލުމަށްފަހު ބައްޕައާއި އެކު ގެއަށް ދާން ބުނުމުން ކުޑަކުއްޖަކު ފަދައިން ބަސްއަހައިގެން ލައިޝާ ފަހަތުން ދާން ހިނގައިގަތެވެ.
…………………………………………………………………………………….
ޕްރައިވެޓް ރޫމަކަށް ޝަހުމް ބަދަލު ކުރެވުނީއްސުރެ ފަޒާލް އިންތިޒާރު ކުރަމުން ދިޔައީ ޝަހުމްއާއިއެކު އެކަނި ވެވޭނެ ވަގުތަކަށެވެ. އެންމެފަހުން އޭނާ ނިންމީ އެރޭ އަންނަން ގެއަށް ގޮސްލުމަށެވެ. މާލެއަށް އައި ގޮތަށް ގެއަށް ދަބަސް އެއްލާލައިފައި ދިޔަ މީހާ ގެއަށް ވަނީ އެދުވަހު އިރު އޮށްސެނިކޮށެވެ. ގޭ މީހުން ގުޅުމުން އޭނާ ހުރީ ޝަހުމް ކައިރީގައޭ ބުނުމުން އެކަކުވެސް އޭނާއާއި ދިމާލަކަށް އެއްޗެއް ނުބުނެއެވެ. އެއީ އެންމެނަށްވެސް  އެދެކުދިންގެ ގުޅުން އެނގޭތީއެވެ. ދެބެންގެ ދެދަރިންގެ ގުޅުމަށްވުރެ އެދެކުދިންގެ ގުޅުމަކީ މާ ވަރުގަދަ އެއްޗެކެވެ. އެކަކަށް ކަމެއް ދިމާވެއްޖެނަމަ އަނެކަކު މަރު ދޭހައިވެއެވެ.
“ދަރިފުޅާ…ދެން އާދޭ ކާން.މަންމައަށް ހަމަ ޔަޤީން އަދި ތިއުޅެނީ އެއްވެސް އެއްޗެއް ނުކައިކަން.” ފަޒާލް ގެއަށް އައިސް ވަތްތަނުން ފަސީހާ އޭނާއަށް ގޮވާލިއެވެ.
“އެބައަންނަން ފެންވަރާލައިގެން…މަންމާ…އާދެބަލަ އަޅުގަނޑަށް ޓީޝާރޓެއް އިސްތިރި ކޮށްދޭން.” ފަޒާލްއަށް ބަނޑުހައިވެފައިވާކަންވެސް ދެނެގަނެވުނީ އޭނާގެ މަންމަ ކާން ހަދާފައި ގޮވުމުންނެވެ.
ވެފައިހުރި ވަރުބަލި ކަމާއެކީ ފަޒާލްކައިގެން އައިސް ޖައްސާލި ތަނުން ނިދީގެ ތެރެއަށް ގެނބިގެން ދިޔައެވެ. މެންދަމުގެ ވަގުތެވެ. އޭނާއަށް ހޭލެވުނީ ހޫނުވާތީއެވެ. ނަމަވެސް ފަޒާލް ވަނީ މާ ބޮޑަށް ވަރުބަލިވެފައެވެ. އެހެންއޮއްވައި އޭނާގެ ހަނދާނަށްއައީ، މާލެ އައިފަހުން ވެސް ލަންކާގައި ގެންގުޅުނު ސިމް އޭނާގެ ފޯނުގައި އޮތްކަމެވެ. އޭނާއަށް ޔަޤީނެވެ. މިހާރު އެތަކެއް ކޯލްތަކެއް މިސްވެފައި ހުންނާނެއެވެ.

Hiy Adhu Roneeyey 4

ހިތް އަދު ރޮނީޔޭ        
މައިސޫން މޫސާ 

“ނޫނޭ…ނީ އެއް ނުބުނެ…ކޮންކަމެއްތަ މިރޭ މިއޮތީ މިގޭގަ؟….ވާނުވާ ނޭނގި ހުރެ ޝަހުމް އެހެން އަހާލީ ފަހަރެއްގައިވެސް އޭނާގެ ހިތް ހުއްޓޭ ކަހަލަ ޖަވާބެއް ހޯދުމުގެ ނިޔަތަކު ނޫނެވެ.
“ޝަހުމްގެ ނީ މެރީ ކުރަނީނުން ވަރަށް އަވަހަށް…. ނީ އާއި އެކީ ކިޔަވަން އުޅުނު ޞޯލިޙުބޭގެ ތިމާގެ ކުއްޖެއް މީނީ، ރާޙަލް… ނީ ނުބުނޭތަ ޝަހުމް ކައިރީ؟. ބެސްޓް ފްރެންޑަށްވެސް ނޭނގެ ދަރިފުޅު މިހައި ބޮޑު ކަމެއް ނިންމާއިރު.” ނާއިލާ، ވެގެން އުޅޭގޮތް ވަރަށް ސާފުކޮށް ޝަހުމްއަށް ބުނެދިނެވެ.
ޝަހުމްއަށް ހިތި ގޮތަކަށް ނީޒާއާއި ދިމާއަށް ބަލައިލެވުނެވެ. އެތަކެއް ވޭނީ ސުވާލުތަކަކުން ފުރިފައިވީ ބަލައިލުމެކެވެ. ނީޒާ، ޝަހުމްއަށް މިހައި ބޮޑަށް އޮޅުވައިލި ސަބަބު އެނގެން އޭނާ ބޭނުންވިއެވެ. އޭނާގެ ފިސްވެފައިވި ހިތަށް ދެން ކުރެވޭނެ އިތުރު ފަރުވާއެއް އެބަ އޮތްހޭ ބުނާ ހެންވެސް ހީވެއެވެ.
ނީޒާ އަށް އޭނާ ކުރީ ކިހާވަރެއްގެ ކަމެއްކަން އިޙުސާސްވެސް ނުވާ ފަދައެވެ. ކުރިއަށް ވުރެވެސް ބޮޑަށް ރާޙަލްއާއި ކައިރި ވެލުމަށްފަހު ޝަހުމްއާއި ރާޙަލް އެކަކު އަނެކަކަށް ތަޢާރަފް ކޮށްދިނެވެ.
“ޝަހުމް…ނީ އެއް ނުބުނޭ މިނަން ކިޔާ ފްރެންޑެއް ހުންނަ ވާހަކައެއްވެސް” ރާޙަލް ޝަހުމްއާއި ސަލާމް ކޮށްލަމުން ނީޒާއަށް ބުންޏެވެ.
 އެވަގުތު ޝަހުމްގެ އެކުވެރި ފާއިލް ނުގުޅާނަމަ، އެތަނުގައި ހުރެގެން ޝަހުމް އަށް ގޯހެއް ހެދުނީސްކަން ކަށަވަރެވެ. އެހެންކަމުން ވަރަށް އަވަހަށް ދާންޖެހިއްޖެ ކަމުގައިބުނެ، އެގެއިން ނިކުމެގެން ގޮސް ޝަހުމް މަޑު ކޮށްލީ އިސްލާމީ މަރުކަޒު ކުރިމަތިން ރައީސް ފާލަމާއި ދިމާލުގައެވެ. އެތަނުގައި ހުރެގެން އޭނާގެ ބަދުނަސީބު ލޯތްބަށްޓަކައި ހިތްފުރެންދެން ކަރުނަ އޮށްސިއެވެ. އެތަންފެނި އެތަނުގައި ތިބި ދެތިން މީހަކު، ތިގެއިން މީހަކު މަރުވީހޭ ކިޔައި ސުވާލުވެސް ކޮށްލިއެވެ. އެންމެ ފަހުން މަންމަމެން ހާސްވެގެން ގުޅަންފެށުމުން މާ ބޮނޑިއާއި އެއްޗެހި ހިފައިގެން ގެއަށް ދިއުމަށް ސައިކަލަށް އަރައިގެން ނައްޓައިލީ، ވަރަށް ހަމަޖެހިލައިގެން ހުރެ އެއްވެސް ކަމެއް ނުވާ މީހެއް ފަދައިންނެވެ.
ނަމަވެސް……. ކުއްލިއަކަށް މިރޭ، ދެން އޭނާއާއި ދިމާވި އާދަޔާ ޚިލާފު އަންހެން ކުއްޖާގެ މަތިން ހަނދާން ވަމުން ދިޔައީ ކީއްވެ ކަމެއް ނޭނގެއެވެ. ފުރަތަމަ ފަހަރަށް އޭނާގެ ނީޒާނޫން އެހެން އަންހެން ކުއްޖަކާއި ދޭތެރޭ ވިސްނުމަށް އޭނާގެ ހިތް ބާރު އަޅަމުން ދިޔައެވެ. އެއީ ކާކު ބާވައެވެ؟ އެ އަންހެން ކުއްޖާގެ ރީތި ކަމަށް ހިތާއި ހިތުން ތަޢުރީފް ކޮށްލެވުނެވެ. އެއީ ހަމަ ޝަހުމް ބޭނުންވާ ގޮތަށް ހެދުން އަޅާފައިވާ ކުއްޖެކެވެ. ވާހަކަ ދެއްކުމުގައި ފޮނި ކަމެއްނެތެވެ. އެހެނަސް އަދިވެސް ވިއްސަކަށް އަހަރުގެ ކުއްޖެއްހެން ހަށިގަނޑުގެ ބައްޓަން ހުރި ކަމަކު، ޙަރަކާތްތައް ހުރީ ދިހައެއް ނުވަތަ އެގާރަ އަހަރުގެ ކުއްޖަކާއި އެއްފަދަ ގޮތަކަށެވެ. ފަންފަން ދިގު އިސްތަށިގަނޑެކެވެ. ހިމަ ލޯލި އިނގިލިތަކެކެވެ. ކުޑަކުޑަ މަޢުސޫމް މޫނެކެވެ.ރީތި ހިނިތުންވުމުން ހިތްތައް މޮޔަ ކޮށްލައިހައި ވެއެވެ. ބިރުން ތުރުތުރު އަޅަމުން ދިޔަ އިރުވެސް ލޯބި ލޯބިކޮށް ވިދަމުން ދިޔަ މުށިކުލައިގެ ދެލޮލުގެ ތެރެއަށް ގެއްލިފައި ޝަހުމް އަށް އިނދެވުން އިރު އޭނާއަށް ދިމާވެގެންއުޅޭ ހިތްދަތި ކަމުގެ މަތިންވެސް ހަނދާންނެތުނު ކަހަލައެވެ.އެހެނަސް……………
ނޫން! ނޫން…އެކުއްޖާއާއި ދޭތެރޭ އަހަރެން ވިސްނާކަށްވެސް ބޭނުމެއްނޫން.އަހަރެން އަބަދުވެސް ބޭނުމީ އަހަރެންގެ ނީ…އޭނާ ކޮންމެ ގޮތަކަށް އަހަރެންނަށް ޝަޒާ ދެމުން ދިޔަ ކަމުގައިވިޔަސް އަހަރެން ހުންނާނީ ނީޒާގެ ލޯބީގަ.އެކަމަކު، ނީ އަހަރެންނަށް މިހާބޮޑަށް އޮޅުވާލުމުގެ ބޭނުމަކީ ކޮބައި ބާވައެވެ؟ ނޭނގި ހުރެވެސް އޭނާ ރުޅި އަންނަ ޒާތުގެ ކަމެއް ކުރެވުނީ ހެއްޔެވެ؟ މިޚިޔާލުތަކާއި ދުރަށް  ނުދެވި، އެރޭގެ ދެން އޮތް ބައިވެސް ޝަހުމް އަށް އޮވެވުނީ ކަރުނައަޅައި ރޯށެވެ.
 މީހަކަށް މިހައި ބޮޑު ދެރައެއް ދެން ލިބޭނެ ހެއްޔެވެ؟ އޭނާ ކިހައި ހުވަފެންތަކެއް ދުށް ހެއްޔެވެ؟ ނީޒާގެ ލޯބީގައި ނުކުރާކަށް ކަމެއްނެތެވެ. ރޮއިރޮއި ގޮސް އެންމެ ފަހުން ޝަހުމް ހީވަނީ މޮޔަވިހެންނެވެ. އޭނާގެ ކޮޓަރީގެ އެކި ތަންތަނުގައި ހުރި ނީޒާގެ ހަނދާންތައް އިތުރަށް އޭނާ ރޮއްވަމުން ދިޔައެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާގެ އެނދާއި ދިމާ މަތީގައި، ފާރުގައި ހަރުކޮށްފައި ހުރި ނީޒާގެ ބޮޑު ފޮޓޯގަނޑާއި ވާހަކަ ދައްކަން ފެށިއެވެ.އެންމެ ފަހުން ކުރެވޭ ކަމެއް ނޭނގިހުރެގޮސް އެތަނުން ފޮޓޯ ލޯގަނޑަކާއި ދިމާލަށް ޑްރެސިންގ ޓޭބަލްމަތީހުރި ސެންޓު ފުޅިއެއް އެއްލި ގޮތަށް އޭތި ޗިސްވެގެން ފައިބައިގަތެވެ. ހަމަ އެސިކުންތުގައި ގޮސް އެ މުށިތައް މައްޗަށް އަރައި ރޮމުން ދިޔައެވެ. ޝަހުމްގެ ނީޒާއަށް އެއްވެސް ދެރަކަމެއް ވާކަށް އޭނާ ނޭދެއެވެ. އެންމެ ފަހުން އެފޮޓޯ ލޯގަނޑު ތެޅުނުކަމީ އޭނާއަތުން  ނީޒާއަށް ކުރެވުނު ބޭއިންސާފެއް ކަމަށް އޭނާއަށް ހީކުރެވުނެވެ. އެހެންކަމުން ބަލާކަށް ނުހުރެގޮސް މުށިތައް މައްޗަށް އެރީއެވެ. ދެން ފެނުނީ ރަތްކުލައިގެ ކޯރެއްހެން މުޅިތަން ފެވިގެން ދިޔަ ތަނެވެ. ޝަހުމްވެސް އެތަނަށް  މަޑުމަޑުން ތިރިވާން ފެށިއެވެ.
…………………………………………………………………………………….
ލަޔާލްގެ ޙާލު މިރޭ މާބޮޑެވެ. ނިދަން އޮށޯތް ގޮތަށް ފުރޮޅި ފުރޮޅި އޮންނަން ޖެހުނީ ކީއްވެ ކަމެއް ލަޔާ އަކަށް ނުވިސްނުނެވެ. އޭނާގެ ޅަ ސިކުނޑިއަށް ބޭނުންވި ކާނާ އަކީ ހަމަ އެންމެ އެއްޗެކެވެ.  އޭނާގެ ލޯމަތިން އެންމެ ފަހަރަކަށް ނަމަވެސް ޝަހުމް ފެނިލުމެވެ. އެކަމަކު މިއީ ހާދަހާ އުނދަގޫ ވާ ކަމެކޭ އޭނާގެ ހިތަށް އެރިއެވެ. އޭނާގެ މަދަރުސީ ދައުރުގެ އެކުވެރި ކުދިންވެސް ފިރިހެން ކުދިން ފެނިގެން މިހެން ގޮތް ތަކެއްވާތީ އުޅުން ހަނދާނެއް ވާން ފެށިއެވެ. އެނދުގައި ހުރަހަކަށް އެހެން އޮތްއިރު، އެމީހުން ލަޔާގެ ކައިރީގައި ދައްކާފައިހުރި ވާހަކަ ތަކުގެ މަތިން ހަނދާންވެ، ކުޑަކޮށްހެވެންވެސް ހެވުނެވެ. އެހެން ކަމަށް ވެއްޖެނަމަ، އޭނާއަށްވެސް އެކުދިން ފަދައިން އާ ތަޖުރިބާ ތަކެއް ކުރެވެން ފެށީ ކަންނޭގެއެވެ. ލަޔާލްއަށް މޫނުގައި ބާލީސް އެޅުނެވެ. އެޒުވާނާ އޭނާއަށް ބަލަންހުރި ގޮތް ހަނދާންވުމުންނެވެ.
…………………………………………………………………………………….
 “ޝަހުމް ދަރިފުޅާ!….މިއަދު ސައިބޯންވެސް ނުނިކުންނަންތަ؟……ދަރިފުޅާ!….އަވަސްކޮށްލައިގެން ނިކުމެބަލަ ބޭރަށް…މަންމަ ތި ކޮޓަރި ސާފުކުރަން ވެގެންނޭ.” ސިޔާދާ ޝަހުމް އަށް ގޮވަމުން ދިޔައިރުވެސް ޝަހުމްގެ ޚަބަރެއް ނުވިއެވެ. އެންމެ ފަހުން އޭނާއަށް އެ ކޮޓަރީގެ ދޮރުގައި ހިފާލެވުން ގޮތަކުން ދޮރު ހުޅުވިގެން ދިޔައެވެ. ފުރަތަމަވެސް ސިޔާދާގެ ފައިގައި އަޅައިގަތީ ބާލީހެކެވެ.
“ސާބަސް….ބާލީސްތައްވެސް އުކަނީތަ ނިދަން އޮވެގެން؟ ….”ސިޔާދާ ވެއްޓިފައި އޮތް ބާލީސް ނަގައި އެނދުމަތި ރީތި ކުރަން ފެށިއެވެ. ކުއްލިއަކަށް އެއްލި ކަޅިއަކުން ފާރު ކައިރީގައި، ޖަލުގެ ކުށްވެރިއެއް ފަދައިން ކުރުގެޅިގެން އޮތް ޝަހުމް އޭނާއަށް ފެނުނެވެ. ސިޔާދާއަށް ހީވީ އޭނާގެ މޭ ފަޅާފައި ނިކުތް ހެންނެވެ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އޮތް ޙާލު ފެނިފައި ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ޝަހުމް ގެ ތިއްތައާއި ދޮންތަ އެތަނަށް ދުވެފައި އައެވެ.
“މަންމާ….ކޮއްކޯ….” ޝަހުމްގެ ދޮށްޓަށް ހުންނަ ޝެހެނާއަށް ޝަހުމްގެ ލެއިން ތަތްތެޅިފައިވާ ހަށިގަނޑު ފެނުމާއިއެކު ބޭއިޚްތިޔާރުގައި ރޮވުނެވެ. އޭނާވެސް 7 މަހުގެ  ބޮޑު ބަނޑާއިއެކު ޝަހުމްއަށް އެހީ ވެވޭތޯ އުޅުނެވެ.
 “ބައްޕާ….ބައްޕާ…….އާދެބަލަ ވަރަށް އަވަހަށް….ކޮއްކޮއަށް ކޮންމެވެސް ގޮތެއްވެފަ މިއޮތީ…. ” އެމީހުންގެ ދޮށީދަރިފުޅު، ޝަރާ އަށްވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ.އޭނާގެ ދަރިފުޅު ރޯތީ މަސަލަސް ކުރެވޭތޯ އުޅެމުން މަންމަގެ އަޑުއައި ދިމާއަށް ދިޔައިރު އޭނާއަށްވެސް ކޮއްކޮފެނުނެވެ.
 ކަންދިމާކުރި ގޮތުން އޭރު އަދި،ކުދިންގެ ބައްޕަ، ހާޝިމް ގޭގައި އުޅެއެވެ. ވަގުތަކީ ހުކުރު ދުވަހުގެ 10 ޖަހާއިރު ކަމުން، ހެނދުނުގެ ނާސްތާއަށްފަހު ހާޝިމް އަބަދުވެސް ޤުރުއާން ޖަހައިގެން، އަޑު އެހުމަށްޓަކައި ސިޓިންގރޫމްގައި އިނދެއެވެ. އެއީ އޭނާ ކުރިއްސުރެ ކުރަން އާދަވެފައިވާ ކަމެކެވެ.
ގޭގެ އަންހެންވެރިން މާބާރަކަށް ރޮމުންދިޔަ އަޑު އިވުމާއިއެކު ހާޝިމް ޝަހުމްގެ ކޮޓަރިއާއި ދިމާއަށް ބާރު ހިނގުމެއްގައި ދިޔައެވެ.އޭނާ އެކޮޓަރީގެ ދޮރު މައްޗަށް އެރިއިރު، ސިޔާދާއާއި އޭނާގެ ޝަރާ ޝަހުމްގެ ކައިރީގައި އޭނާ ހޭއެރުވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. އޭރު ޝެހެނާ ތެޅިފައިވާ ލޯގަނޑުގެ ބައިތައްނަގއި ސާފުކޮށް ނިމެނީއެވެ.
“އަސްތާ! ދަރިފުޅާ! ކިހިނެއްވެފަ މިއޮތީ؟ ޝަހުމް. މަގޭ ދަރިފުޅާ! ލޯ ހުޅުވާލަބަލަ ….ޝަހުމް ….އޭތް ދަރިފުޅާ!…” ހާޝިމް، ޝަހުމްގެ ކޮލުގައި ޖަހާލަމުން އޭނާއަށް ގޮވަންފެށިއެވެ.
“މަންމާ.ކޮއްކޮ ހޮސްޕިޓަލަކަށް ގެންދެވޭތޯ ބަލަންވީއެއްނު….އެހެންނޫނީ….” ޝަރާ އަވަސްވެގަތީ ޝަހުމްއަށް އަވަހަށް ފަރުވާ ލިބޭނެގޮތެއް ހެދުމަށެވެ.

Friday, May 9, 2014

hiy adhu roneeyey 3


ހިތް އަދު ރޮނީޔޭ        
މައިސޫން މޫސާ       

ފެންވަރާލައިގެން ޝަހުމް އެނދުގައި ޖައްސާލީ ނިދާލުމަށެވެ. އެހެނަސް، މިރޭ ނިންޖަކީ އޭނާ އާއި މުޅިން ރުޅި އެއްޗަކަށް ވެއްޖެއެވެ. ކުއްލިއަކަށް ސިފަވަމުން ދިޔައީ، ނީޒާ އެހެން ފިރިހެން ކުއްޖެއްގެ އަތުގައި ހިފައިގެން އިން މަންޒަރެވެ. ހަމަ އެއާއިއެކު އޭނާއަށް ފުރަތަމަ ނަޒަރުން، ނީޒާދެކެ ލޯބި ވެވުން ގޮތްވެސް ސިފަވަމުން ދިޔައެވެ.
.އެއީ އޭނާގެ 16 ވަނަ އުފަންދުވަހުގައި ލެމަންގްރާސްގައި، އާއިލާގެ ފަރާތުން އޭނާއަށް ސަޕްރައިޒް ޕާރޓީއެއް ދިން ދުވަހެވެ.
……
ނީޒާ އަށް އެ ޕާރޓިއަށް އާދެވުނީ، ޝަހުމްގެ ދެބެންގެ ދެދަރި ކުއްޖެއް ކަމަށްވާ މާލް، ނީޒާ އަށް އެތަނަށް އައުމަށް ދަޢުވަތު ދިނުމުންނެވެ. ދެމީހުން ފުރަތަމަވެސް ދިމާވީ، ޝަހުމްގެ ގަމީހަށް ކޯކް ތައްޓެއް ބަންޑުންވެގެން، އެތަން ދޮވެލުމަށްޓަކައި އެތަނުގެ ވޮޝްރޫމަށް ވަދެހުއްޓައި، ނީޒާއަށްވެސް އެތަނަށް އާދެވުމުންނެވެ.އެރޭ ނީޒާ ލައިގެން ހުރީ ރަތާއި ކަޅުންހުރި ވަރަށް ރީތި ޕާރޓީ ހެދުމެކެވެ. ކުރުކޮށް ކޮށާލެވިފައިވާ ފަން އިސްތަށިގަނޑުގައި ވަނީ ރީތި ގޮތަކަށް ބޭންޑެއްހެން ކުދި ރަތްކުލައިގެ ހިތުގެ ބައްޓަމަށްހުރި ދަތި ތަކެއް ޖަހާލައިފައެވެ.
“އަޅޭ…ދެން ހަމަ މިހެދުމަށްތަ އެކޯކްތަށިވެސް ބަންޑުންވާންވީ….؟” ނީޒާ ކުދި ކިޔަމުން އޭނާގެ ހެދުމަށް އެޅިފައިވާ އެއްޗެހި ސާފުކުރަމުން ދިޔައެވެ. މިއަޑަށް ނީޒާއާއި ދާދި ކައިރީގައި ހުރި ޝަހުމް އަށް ފުރަތަމަ ބަލައިލެވުން ގޮތަށް ނީޒާ އެތަނުން ދިޔައިރުވެސް އެދިމާލަށް ބަލަން ހުރެވުނީއެވެ.
ހާދަ ރީތި ކުއްޖެކެވެ. ލޯބި ލޯބި ލޮލަކާއި ވަށް މޫނެކެވެ. ހިމަތޮޅި ހަށި ގަނޑެކެވެ.މިހެން ކިޔާނެ ކަމެއް ނެތެވެ.

ރީތި ހުސްކޮށްގެން ހުރި ޕަރީ އެކޭ ދެންމެ ފެނުން ކުއްޖާއެކޭ ޝަހުމް އަށް ތަފާތެއް ނުކުރެވުނެވެ. އަވަހަށް ކުރަން ދިޔަ ކަންތައް ނިންމާލުމަށް ފަހު ޕާރޓީ ތެރެއަށް އޭނާ ދިޔައީ އެފެނުން ކުއްޖާ އެތަނުން ފެނިދާނެ ކަމަށް ހީކޮށްގެނެވެ. އޭރު އެންމެން “ޓްރުތް އޯރ ޑެއަރ” ކުޅުމަށްޓަކައި ތައްޔާރު ވަނީއެވެ.
ދަރިފުޅާ. އާދެބަލަ މަންމަ ކައިރިއަށް. ބަލާބަލަ މިތިބީ ކޮންކުދިންނެއްކަން ދަރިފުޅަށް އިނގޭތަ؟” ޝަހުމް އަށް އެތަނަށް އާދެވުން ތަނުން އޭނާގެ މަންމަ އޭނާއަށް ގޮވާލީ އެ ޕާރޓީ ތެރެއިން ޝަހުމް އަށް އަދި މިހާތަނަށް ނުފެންނަ ދެ މީހެއް ކައިރީ ހުރެގެންނެވެ.
“ބަލާބަލަ ޝަހުމް، މިތިބީ ދަރިހުފުޅު ކުޑައިރު އެއްކޮށް ކުޅެން އުޅުން ކުދިންނެއްނު. އެއްކަލަ ސޯލިޙްބޭގެ ނީޒާއާއި ނާހީ މިތިބީ. ސަލާމް ކޮށްލަބަލަ” ޝަހުމް ޙައިރާންވީ، އިރުކޮޅެއްކުރިން އޭނާއާއި ދިމާވި އަންހެން ކުއްޖަކީ އެތަނުން ނީޒާއަށް ވީމައެވެ.
“ހާއި…” ޝަހުމް ވަކިވަކިން ފަހަރަކު މީހަކާއި ސަލާމް ކުރުމަށްފަހު ނީޒާއަށް “ހައި” އަޅާލިއެވެ.
 ނާހީއަކީ ޞޯލިޙްގެ ފިރިހެން ދަރިފުޅެވެ. މަންމަ ކިޔަދިން ވާހަކަތަކުން އިނގުނު ގޮތުގައި އެ ޢާއިލާއަކީ މަންމަމެންގެ ވަރަށް ގާތް ބައެކެވެ. އަދި ކުޑައިރު ނީޒާއާއި ޝަހުމް އަކީ އެއްކޮށް ކުޅެންއުޅުން ކުދިންކަމަށާއި އެންމެ ތިން އަހަރުގައި ވަކިވެގެން ލަންކާއަށް،ޢާއިލާއާއި އެކު ބަދަލުވާން ޖެހުމުން ދެމީހުންވެސް ވަރަށް ރޮއެ ހެދި ކަމަށް ވިއެވެ.
 ދެޢާއިލާގެ ބޮޑުން ހީވަނީ އުފަލުން އެހެން ކަމެއްވެގެން އުޅޭހެންނެވެ. ނީޒާމެން މިފަހަރު މާލެ ބަދަލުވީ އެއްކޮށެވެ. މި އިވުން ޚަބަރުން އެހާ ޅައުމުރުގައިވެސް ޝަހުމްގެ ހިތުގައި ނޭނގޭ ރާޅުބާންޏެއް ހިނގައިލިއެވެ.
އެދުވަހުން ފެށިގެން ދެކުދިންގެ ގުޅުން ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުންނެވެ. ފޭސްބުކްގެ ޒަރީޢާއިން ވާހަކަ ދައްކަމުންގޮސް ޝަހުމް އޭލެވެލް ނިންމައިލި އަހަރު ނީޒާއަށް ލޯބި ހުށަހެޅީ އެ ހިތުގައިވި އެއްޗެއްވެސް ސާފުކޮށް އެނގިހުރެ، އެދެވޭ ޖަވާބު ލިބޭނެ ކަމުގެ ފޮނި އުއްމީދުތަކާއި އެކުގައެވެ. އޭރު ދެކުދިން ކިޔަވަމުން އައީ އެއްކްލާހެއްގައި ކަމުން، އެއްކޮށް ގިނަވަގުތު ކިޔެވުމުގެ ކަންތަކުގައާއި ހުސްވަގުތުތަކުގައި ހޭދަކުރެވެމުން ދިއުމުގެ ސަބަބުން ނީޒާގެ ހިތުގައިވެސް ޝަހުމްއަށް ލޯބި އުފެދުނީއެވެ.
ނަމަވެސް ދެކުދިން ވެސް އުޑާއި ބިމާ ހައި ތަފާތެވެ. ޝަހުމް އަކީ ހިތްތިރި، ސާދާ ކަންކަމަށް ލޯބިކުރާ ކުއްޖަކަށް ވީއިރު، ނީޒާ ހާސްބައިތަފާތެވެ. އަގު ބޮޑެތި، ރިތި އެއްޗިއްސަކީ، ނީޒާ ލޯބިކުރާ އެއްޗިއްސެވެ. ޝަހުމް އޭނާ ކައިރިއަށް ދާއިރު އަބަދުވެސް މާ ބޮނޑިއެއްގެ ގުލްދަސްތާއެއް އޮންނަން ޖެހެއެވެ. ރަށްޓެހިންނާއިއެކު ކާރު ބުރު ޖަހަން ދިއުމާއި، ރިޒޯރޓް ތަކަށް ދިއުމަކީ އެނާ މުނިފޫހި ފިލުވަން ކުރާ ކަންތަކެވެ. މިކަންކަން ރަނގަޅު ކުރަން ކިތަންމެ ވަރަކަށްވެސް ޝަހުމް ބުނެއެވެ. އެހެނަސް، އެއީ ފޫނެތް ފަޔަށް ފެންފުރުން ފަދަ ކަމެކެވެ. ހަމަ އެއާއި އެކު ނީޒާދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުން އޭނާ ނުރުހޭނެ އަދި ދެރަވާނެ އެއްޗެއް ނުބުނަން އަބަދުވެސް ޝަހުމް ހިތްވަރު ކުރެއެވެ. އެއީ ބަލި ކުއްޖަކަށް ވިމައާއި އެކުމެއެވެ.
…………………………………………………………………………………………………….
 ގަޑިން އަށްގަޑިބައި ހާއިރު، ޝަހުމް ނީޒާމެންގެ ގެއަށް ދިޔައީ މިއަދަކީ ޝަހުމްއެ އުފަން ދުވަސްކަމުން މިރޭ ޚާއްޞަ ގޮތަކަސް ފާހަގަ ކޮށްލަންކަމަށް ނިންމައިގެންނެވެ. އަނގައިން ރީތި ލަވައެއްގެ މިޔުޒިކް ޖަހަމުން ގޮސް ނީޒާމެންގެ ގެއަށް މަޑުމަޑުންވަނީ ނީޒާއަށް ސަޕްރައިޒްއެއް ދިނުމުގެ ގޮތުންނެވެ.ކަންތައްވީ ދިމާ އިދިކޮޅަށެވެ. ސަޕްރައިޒް ލިބުނީ ޝަހުމްއަށެވެ. އެގޭގެ ސިޓިންގ ރޫމްގައި ހުރި ސޯފާ ގޮނޑިއެއްގައި ހަތާވީހަކަށް އަހަރުގެ ފިރިހެން ކުއްޖަކާއި އަތާއި އަތް ޖޯޑު ކޮށްލައިގެން އެ އިނީ، އޭނާގެ ދެލޯ ފަދަ ލޯބިވާ ނީޒާއެވެ. ކުރިމަތީ ހުރި ސޯފާގައި ނީޒާގެ މަންމައާއި ބައްޕައާއި އެޢާއިލާގެ ބައެއް އެހެން މެމްބަރުން ތިއްބެވެ. ނުދަންނަ އެހެން ބަޔަކުވެސް ތިއްބެވެ. ނީޒާ ރީތި ވެލާފައި އިން ވަރުން ހީވަނީ ވަރަށް ބޮޑު ޙަފްލާއަކަށް ދިއުމަށްޓަކައި ތައްޔާރު ވެގެންއިން ހެނެވެ. ހުދު ކުލައިގެ ޕާރޓީ ވައްތަރެއްގެ ހެދުމުގައި ނީޒާ ހީވަނީ ބަގީޗާއެއްގައި ފޮޅިފައި އިން މަލެއްހެންނެވެ. ޝަހުމް އަށް ހީކުރެވުނީ އޭނާގެ އުފަންދުވަހުގައި އޭނާއަށް ސަޕްރައިޒެއްގެ ގޮތުގައި ނީޒާމެންގެ އާއިލާ މީހުން ކައިރީ އެމީހުންގެ ގުޅުމުގެ ވާހަކަ ދެއްކުމަށް ރެޑިވެގެން އިންކަމަށެވެ.
އެހެންނަމަވެސް ނީޒާގެ ދާދި ކައިރީގައި އެއިން ޒުވާނާގެ ބެލުންތައް ހުރި ގޮތުން ހީވަނީ އެހެން ކަމެކެވެ. އަތުގައި އޮތް މާ ބޮނޑިއާއި ޕާރްސަލް އެތަނުގައި ހުރި ގޮނޑިއެއް މަތީ ބޭއްވުމަށްފަހު، ގެތެރެއަށް ވަނުމަށް ޝަހުމް ހިނގައިގަތެވެ.
“އަނހާ.ޝަހުމް…ތިއައީ އަދި ކިރިޔާ؟…” ނީޒާގެ މަންނަ ނާއިލާ އަށް ދޮރުން އެތެރެއަށް ވަދެގެންއައި ޝަހުމް ފެނުމުން ސުވާލުކޮށްލިއެވެ. އެއަޑަށް ނީޒާ ސިހިފައި ބަލާލިތަން  ޝަހުމްއަށް ފެނުނެވެ. އެނުދަންނަ ޒުވަނާއާއި ދެންތިބި މީހުންގެ ސަމާލުކަންވެސް ޝަހުމްއަށް ހުއްޓުނެވެ.

Thursday, May 8, 2014

Maazin


              މާޒިން
                                                                                                                           މުހަންމަދު މައިސޫން މޫސަ


            މާޒިން
             މުހަންމަދު މައިސޫން މޫސަ

    ފްލައިޓް މަޑުމަޑުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓައް ޖައްސަނީއެވެ. ފްލައިޓުން ފޭބުމައް މާޒިންހުރީ ކެއްމަދުވެފައެވެ. އެހެންވެސް ވާނެތާއެވެ. އުމުރުން 24 އަހަރުވެފައިވާ މާޒިންއައް މިއަދު އޭނާގެ ވަޒަނައް މިއާދެވެނީ ބޭރުގައި މެދުނުކެނޑި 14 އަހަރު އުޅުމައްފަހުގައެވެ. އޭނާގެ ބައްޕައާއި މަންމަ ވަކިވުމައްފަހު އޭނާ ދިރިއުޅެމުންދިޔައީ އޭނާގެ މަންމައާއިއެކީ ޖަރުމަނުގައެވެ. އޭނާއަކީ ޖަރުމަނުގެ އަންހެނަކަށާއި މާލޭގެ މުއްސަނދި ފިރިހެނަކައް ލިބުނު ހަމައެކަނި ދަރިއެވެ. އެހެންކަމުން ދަރިފުޅުދެކެވީ ލޯބި ދެމީހުން ވަކިވުމައްފަހުވެސް ފައިސާއާއި އެހެނިހެން ގޮތްގޮތުން އޭނާގެ ބައްޕަ މުހަންމަދު އިބްރާހިމް ދެމުންދިޔައެވެ. ނަމަވެސް ބައްޕައާއި ވަކިން ދުރުގައި އުޅެންޖެހުމުން ބައްޕަގެ ލޯބިން ގާތްގަނޑަކައް މަހުރޫމްވެފައިހުއްޓޭ ބުންޏަސް ދޮގަކައް ނުވާނެއެވެ.
ކޮންމެއަކަސް އެއާޕޯޓުގައި ބޯޓު ޖައްސައިފިއެވެ. އިމިގްރޭޝަންގެ ކަންކަން ނިންމުމައްފަހު އެރައިވަލްސްއައް ނިކުތީ މުޅީންވެސް އެހެން މާހައުލަކަށެވެ. އުމުރުން އެންމެ 10 އަހަރުގައި މާލެ ދޫކޮއްލިއިރު އެ މާލޭގައި ހުރި ގޮތް ގައިމުވެސް މިއަދު ބަދަލުވެއްޖެއެވެ. ތަރައްގީ އައިސްފައިވަނީ ހުރިހާ ދިމާއަކަށެވެ. ވަރައް ފުރިހަމަ އެއާޕޯޓެއްގެ ތެރެއިން އެކިމީސްމީހުން ބަލައި އައިސްފައިތިބިމީހުން މަރުހަބާ ކިޔަމުންދާއިރު މާޒިންއައް އޭނާ ބަލައި މީހަކު އައިސްފައި ހުރިތަނެއް ނުފެނުނެވެ. އެހެންކަމުން އެއީ އެހާ ބޮޑު ކަމަކައް ނަހަދައި ފެރީއައް އަރައިފިއެވެ. އަދި ހަމަޖެހިލައިފިއެވެ. ދެން ދިޔަ 10 ވަރަކައް މިނެޓް ދިޔައީ ހިތްހަމަޖެހޭފަދަ ވައިޖެހެމުންނެވެ.
މާލޭގެ މަލަމަތި ވަރައް ފުރިހަމައެވެ. އެކިކަހަލަ އުސް އިމާރާތްތަކުން ޖަރީވެފައިވާ މާލެ ރޭގަނޑު ފެނުމުން އަދި މާ ފުރިހަމައެވެ. ބަލާލައިގެން ހުރެވިދާހާ ފުރިހަމައެވެ. ކޮންމެއަކަސް 10 މިނެޓް ނިމި މާލެ އައް ދޯނި ލަފައިފިއެވެ. ގަޑީން މެންދަމު 2 ޖަހައިފިކަމުން އެގަޑީގައި މީހަކުފެންނަނީ ވަރައްވެސް މަދުންނެވެ. ނަމަވެސް ލޯބިވެރިން ޖޯޑު ޖޯޑައް ހިނގާލަން ދާތަން ފެނެއެވެ. މާލެއައިސް ދެންކުރަންވީ ކަމެއް ނޭނގިފައި އެތައް އިރަކު ހުރެެވުނު ފަހުން އެތަނައް އައި މީހަކު މާޒިން ގާތު އެއްސެވެ. "މޭ އައި ހެލްޕް ޔޫ ސާރ!! ވަޓް ޓައިޕް އޮފް ހެލްޕް ޑޫ ޔޫ ނީޑް؟؟" އެހެން ބުނެލިހާތަނުން މާޒިންއައް އެމީހާއާއި ދިމާލައް ބަލައިލެވިއްޖެއެވެ. އަޑުން ކުޑަކުޑަ ޝައްކެއް ވީ ނަމަވެސް ފެނުމުން ޔަގީންކަން ލިބިގެންދިޔައީ އެއީ މިލްހާކަމެވެ. ނަމަވެސް ކުރިމަތީގައި ހުރި ޓުއާ ގައިޑް ކުއްޖާއައި މިއީ ކާކުކަމާއި މިއީ ދިވެއްސެއްކަންވެސް ނޭނގުނެވެ.
އެވަގުތު މާޒިންގެ މާޒީގެ ސޮފްހާތަކުގެ ތެރެޔައް ގެނބިގެން ދިޔައީ ކުއްލިގޮތަކަށެވެ. އޭނާގެ އެއްވެސް އިހްތިޔާރެއް ނެތިއެވެ. އެއީ މީގެ 7 އަހަރު ކުރިއެވެ. މާޒިން އޭނާގެ އޭލެވެލްގެ ފަހު އަހަރުގައި ކިޔެވުން ފެއްޓިތަނާހެން އޭނާގެ ކްލާހައް އާކުއްޖަކު ވަނެވެ. އެއީ ދިވެއްސެއްކަން އަދި އޭރަކު ނޭނގެއެވެ. މި ކުއްޖާއަކީ ކުދިންނާއި އެހާ ނުގުޅޭ ކުއްޖެކެވެ. އެއާއި ހިލާފައް މާޒިންއަކީ އެންމެންނާއިވެސް ގުޅޭ ކުއްޖެކެވެ.
ކްލާސްތެރޭގައި މަޑުމަޑުން އިނުމުގެ އިތުރައް ކްލާހުން ބޭރުގައިވެސް އިންނަނީ ކޮންމެވެސް ފިކުރެއްގައެވެ. އަބަދުމެ އިންނަނީ ކޮންމެވެސް ކަމަކައް ގެއްލިފައެވެ. މާޒިންއައްވެސް އަބަދުމެ އިންނަނީ މިލްހާއައް ގޮސްނިމިފައެވެ. މިއީ ކުރިން އޭނާޔައް ދުވަހަކުވެސް ވީ ކަމެއް ނޫނެވެ. އަންހެންކުދިން ނަކީ ކާލާ މެޓައެއްފަދައިން ހޯދަމުން އައި ކުއްޖަކައް މި ފެނުނު ކުއްޖެއްގެ ސަބަބުން މިވަނީ ކިހިނެއްކަން އެއީ އެކުވެރިންނައްވެސް ވަރައް ބޮޑު ފިކުރަކަށެވެ. އެއްދުވަހެއްގެ މެންދުރެވެ. ކެންޓީނު ލައިނުގައި މާޒިން އިނީ ކާއެއްޗެހި ގަންނާށެވެ. މިލައިނަކީ ވަރައް ފިތިފައިވާ ލައިނެއްކަމުން ގުޑިލާއިރައްވެސް ވެއްޓުމުގެ ފުރުސަތު ވަރައް ބޮޑެވެ. ކާއެއްޗެހި އަޅައިގެން އެނބުރިލިތަނާ.................................................








hiy adhu roneeyey 2

ހިތް އަދު ރޮނީޔޭ        
މައިސޫން މޫސާ                         
ސޯ…އަގެއިން ޔޫ ބިކޭމް އަ މިޔުޓް…” އެ ޒުވާނާގެ އަޑުން ދެމީހުންގެ ހަމަ ހިމޭންކަން ގެއްލުނެވެ. ލަޔާލް
 އެކި ޚިޔާލު ތަކުގައ އިންދައި އޭނާގެ އަޑު އިވުމާއިއެކު ކީކޭހޭ އަހައިލެވުނެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.
“މްމްމްމްމްމ … މީ…… އައެމް ސޮރީ…ތިކުއްޖާގެ މާތައް…އަނެއް… ލަޔާ ގަނެދޭނަން ހަމަ އެކަހަލަ މާތަކެއް.” މީގެ އިރުކޮޅެއް ކުރިން ކަންތައް ދިމާވި ގޮތުން ލަޔާލް އިނީ ދެރަވެ، މަޢާފަށް އެދެން ބޭނުން ވެފައެވެ. އަބަދު އަމިއްލަ ނަން ބޭނުން ކޮށްގެން ވާހަކަ ދައްކަން އާދަވެފައި ހުރުމުގެ ސަބަބުން މި ނުދަންނަ ޒުވާނާގެ ކުރިމަތީގައި ވެސް ނަން ހާމަކުރެވުނުކަން އިޙްސާސް ވުމުން ލަދުން މުޅި މީހާގެ ގައިގައި ތުރުތުރެއް އުފެދުނެވެ.
“އޯކޭ އޭ ދެން…. އަސްލު މަޢާފަށް އެދެނަ ޖެހޭނީ އަހަރެން. އަހަރެން….ކީކޭތަ ބުނީ ލިއު ދޯ. އާނ ލިއު އާ ދިމާލަށް ތަންދޮރު ނުބަލައި އެއްޗެހި ކިޔާލީ.” ޒުވާނާ ހަމަ ހިމޭން ކަމާއިއެކު ވާހަކަ ދައްކަން ފެށިއެވެ. މިއީ ލަޔާލް އަށް އޭނާގެ ފަރާތުން ފެނުން އާ ސިފައެކެވެ. އެހެން ނުވާންވީ ކީއްވެ ހެއެޔެވެ؟ ދެމީހުން ދިމާވެގެން މިހިސަބަށް އާދެވުން އިރުވެސް، މި ފިރިހެނާ ރުޅި އައިސް ނޫން ގޮތަކަށް އެއްޗެއް ނުބުނެއެވެ. އާދައިގެ މާ ބޮނޑިއެއް ހަލާކުވެގެން އެހާވަރު އަރުވާލާނީ އެއީ، ހާދަ ޚާއްޞަ މީހެއްގެ ފަރާތުން ލިބުން އެއްޗަކަށް ވީމައެވެ. ނޫނީ، އެފަދަ މީހެއްގެ ފަރާތުން އޭނާއަށް ލިބުން އެއްޗެއް ކަމަށް ވެދާނެއެވެ.  ނޫން…ކުއްލިއަކަށް ލަޔާގެ ހިތަށް އެ ލަފުޒު އައީ ކީއްވެބާއެވެ؟ މިއީކީ އޭނާއަކާއި އެއްވެސް ގުޅުމެއް ހުރި މީހެއްވެސް ނޫން ވިއްޔާއެވެ.
“ލަޔާ އޭ ބުނީ.


ދެން އެކަމަކު އޯކޭ…އަހަރެން ސަލާމަތްވެސް ކޮސްދިނީ ތިކުއްޖާ…ނަމެއްވެސް ނޭނގެ.”

ލަޔާލް ގެ ވަހަކަ އެހިސާބަށް ދިޔަ ތަނުން އޭނާ ލަޔާ ހުއްޓުވިއެވެ.
“ޝަހުމް…ހޫމް އޮކޭއޭ…މާދަން ވެސް ނޫހެއްގެ ފަލަ ސުރުޚީގަ އަންހެން ކުއްޖެއް ސަލާމަތް ކޮށްދިން ކަމަށް އަހަރެންގެ ނަން އޮވެދާނެއެއްނު….ހެހެހެ.މަޝްހޫރުވެސް ވީނުން…ދެން ބުނެބަލަ…ކީއްވެތަ އެމީހުން ލަޔާގެ ފަހަތުން އުޅެނީ؟” ޝަހުމް ގެ ނަން ހާމަ ކޮށްދިނުމަށްފަހު އިތުރު ސުވާލެއްވެސް ލަޔާއަށް އަމާޒުވިއެވެ.
“ޝަހުމް…” ލަޔާލް މަޑުމަޑުން އެރީތި ޒުވާނާގެ ނަން ފުރަތަމަ ފަހަރަށް ކިޔައިލިއެވެ.
“ނޭނގެ. އޮފީސް ނިންމާލާފައ ނިކުތް ތަނުން ފަހަތުން އައީ… އެމީހުން ކީއްވެތަ ހަމަ މީހަކު ފެންނަ އިރަށް ނުހަމަ ގޮތުގައި ފައިދާ ނަގަން އުޅެނީ؟ …. ވަރަށް ފޫހިވޭ… ކިހާއިރެއްވެއްޖެތަ މިހާރު ގެއަށް ދާން ނުކުތް ފަހުން…….” ލަޔާލް ކުރު ގޮތަކަށް އޭނާއަށް ދިމާވި ކަންތައް ޝަހުމް އަށް ކިޔައިދިނެވެ.
“ހެހެހެ… ތިހެން ބުނީމަ މިހަނދާންވީ…ގެއަށް ދާކަށް ބޭނުމެއްނޫންތަ؟ ޝަހުމް އަކަށްވެސް މިރޭ ފަތިސް ވަންދެންނެއް ސައިކަލު މައްޗަކު ނީނދެވޭނެ އިނގޭ…ކޮންތާކު ތި ގެ ހުންނަނީ؟.ހިތްހެޔޮ ކަމާއިއެކު ލަޔާލް ގެއަށް ގެންގޮސް ދިނުމަށް ޝަހުމް ދަޢުވަތު އެރުވިއެވެ.
“އުޕްސް….އެބުނާހެން….އާނ! ކުރިމަތިން އޮތް ގޯޅި އަޅާ.” ލަޔާލް އޭނާގެ މޮޔަކަމާއިމެދު ކުޑަކޮށް ހެވިފައި އިނދެ، އޭނާގެ ގެއަށް ދާންވީގޮތް ޝަހުމް އަށް ކިޔައިދެމުންދިޔައެވެ. އިރުއިރު ކޮޅުން އެޒުވާނާގެ ބޮލުގައި ލާފައިވާ ކްރީމްގެ ވަސްވެސް ބަލައިލެވެއެވެ.
“އާނ. މިތަނަށް މަޑުކޮށްލާ…މީއޭ ގެ…” ލަޔާލް އަވަހަށް ސައިކަލުން ފައިބަމުން ބުނެލިއެވެ. ޝަހުމް ކޮށްދިން ކަންތަކަށް ޝުކުރު އަދާކޮށްލި ތަނުން ވަގުތުން ނައްޓާލައިފިއެވެ. ލަޔާލްވެސް އަވަސް އަވަހަށް ގެއަށް ވަދެ ދޮރު ތަޅުލިއެވެ.
“ޕިސް.ޕިސް.މިކުއްޖާ ގަނޑަކާއި ހެދި މީހުން އަބަދު މިތިބެން ޖެހެނީ ބިރުން މޭގަނޑު އަނގަޔަށް އައިސް އައިސް….ކޮންތަނަކަށް ގޮސްތަ ތި އައީ މިއޮށް ދަންވަރު؟” ލަޔާ ސިޓިންރޫމްގެ ލައިޓް ޖައްސާލިތަނުން އޭނާގެ ދޮންތަ ލައިޝާ ހާސްވެހުރެ، ޝަކުވާގެ ފައްޗެއް އަމުނާލިއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އެ މަޢުސޫމް ދެކުދިން ތުއްތު އިރު، ކުއްލިގޮތަކަށް އެކުދިންގެ މަންމަ ލައިލާ ވަނީ ނިޔާވެފައެވެ. އެހެންކަމުން، އެކުދިން ބަލަހައްޓަމުން އައީ، ބައްޕަ ފާއިޒް އާއި އެނާގެ ހަގު ކޮއްކޮ ފާއިގާގެ އެހީތެރިކަން ލިބިގެންނެވެ. ފާއިޒް އަކީ އަމިއްލައަށް އެކިކަހަލަ މުދާ ރާއްޖެ އެތެރެ ކުރުމުގެ މަސައްކަތް ކުރަމުންދާ ހީވާގި ބައްޕައެކެވެ. އޭނާގެ ދެކުދިންވެސް އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ.
ލައިޝާއަކީ މިޒާޖުގައި މަޑުމައިތިރި ގޮތެއް ހުންނަ ހިތްހެޔޮ ކުއްޖެކެވެ. ލަޔާލްއަށް ވުރެ ދޮށީ ދެ އަހަރު ކަމުގައި ވީނަމަވެސް، ދެބެންގެވެސް އަދިވެސް ހުންނަނީ ބާރަ ތޭރަ އަހަރުގެ ކުދިންގެ ހުންނަ ކަހަލަ ޅަ ގޮތްގަނޑެކެވެ.
“ސޮރީ ދޮންތީ…ވަރަށް ބޮޑަށް ބޯ ގާނަންޖެހޭ ކަހަލަ ކަމެއް ފެށުނީމަ ހަމަ އިނދެވުނީ. އެހެންވެ ލަސްވީއޭ. ދެން އެހެނެއް ނުވާނެ…” ލަޔާލް  ސޯފާގައި އިން އޭނާގެ ދައްތަގެ އަތުގައި ހިފާ ތެދުކޮށްފައި ދެކަންފަތުގައި ހިފާ މަޢާފަށް އެދެމުން ދިޔައެވެ.
“ބައްޕަ ފޯނެއްވެސް ދީފަ އޮންނަނީ ކަމަކު ނޫންތަ ކުއްޖާގަނޑާ.ބައްޕައަށް ވެސް ގޮވަން އުޅުނިން،،އެކަމަކުވެސް އެފަކީރު ހާސްވާނެ ވަރު ހިތަށް އެރީމަ އަޅާނުލައި ދޫކޮށްލީ.ދެން އެހެން ނުހަދާތި!” ކުޑަކޮށް ލަޔާލްގެ ކަންފަތުގައި ހިފާ ލަމުން ލައިޝާ ވާހަކަ ދެއްކީ ލަޔާލްގެ ފޯނަށް އޭނާ އެވަރަށް ގުޅަން މަސައްކަތް ކުރިއިރު އެއްފަހަރަކުވެސް ދިމާވާގޮތެއް ނުވީމައެވެ.
“އަޅޭ…ލަޔާގެ ފޯން ނިވިފަ އޮތީއޭ.ޗާޖަރ ނުލައި ދެވުނީ…ދެން އެތާހުރި ފޯން ހުރީ ބިލް ދެއްކުން ލަސްވެގެން ކަނޑާލާފައި.ދެންވެސް ވާހަކަ ގިނަ ނުކޮށް ހިނގާބަ ކާއެއްޗެއް ދޭން…ބަނޑުހައިވެގެން މިއޮށް ހަލާކު ވަނީ.” ވެފައި ހުރި ބަނޑުހައިކަން ލަޔާއަށް އިޙުސާސް ކުރެވުނީ އިރުކޮޅެއް ފަހުންނެވެ. ދެކުދިން ވެގެން އެކީގައި ކައިގެން ބަދިގޭގެ ކަންތައް ހަމަޔަކަށް އަޅުވައިލައި، ދެމީހުން ގުޑްނައިޓް ކިޔާލުމަށްފަހު، ނިދުމަށްތައްޔާރުވުމަށް އެކުއްޖެއްގެ ކޮޓަރިއަށް އެކުއްޖަކު ދިޔައެވެ.
ގެއަކީ ބޮޑުކޮށް،9 ބުރިއަށް ހަދާފައިވާ ގެއެއް ކަމަކު، މިކުޑަ ކުޑަ އާއިލާ ދިރިއުޅެނީ އެންމެ މަތީ ބަޔާއި ޓެރަސް ބައިގައެވެ. ދެންހުރި ބައިތައް ފާއިޒް ދޫކޮށްލީ މަހު ކުއްޔަށް، އަމިއްލަ ކުންފުނި ތަކުގެ އޮފީސް ތަކަށެވެ. އޭނާގެ އޮފީސްވެސް އެތަނުން، 8 ވަނަ ބައިގައި ހިންގަމުންދެއެވެ. ފާއިޒް ދެ ދަރިން ފާއިޒް ގެ އޮފީހުގައި މަސައްކަތް ނުކުރިއެއްކަމަކު، އެތަނުގެ ކައްތައްތައް އެންމެ ގާތުން ބަލަހައްޓަމުން ، ކަންކަމުގައިބައްޕައަށް އެހީވަމުން ޚިޔާލްތައް ދެމުންދެއެވެ. ލައިޝާއަކީ 24 އަހަރުގެ ހިތުގެ ބަލީގެ ޑޮކްޓަރެކެވެ. އޭލެވެލް ނިންމާލުމަށްފަހު، ލިބުން ސްކޯލަރޝިޕެއްގައި 5 އަހަރު ރަޝިޔާގައި ހޭދަކުރުމަށްފަހު، ރާއްޖެއަށް އައިސް އޭ.ޑީ.ކޭ ހޮސްޕީޓަލުގައި މަސައްކަތް ކުރަމުންދާތާ 8 މަސްވީއެވެ. އޭނާގެ މަސައްކަތާއި ހުނަރު، ތަނުގެ ވެރިންނާއި މުވައްޒަފުން ބަލައިގަންނަނީ އޭނާގެ ހުންނަ، ކަމަށް ފަރުވާ ބެހެއްޓުމާއި ހިތްހެޔޮ ކަމުގެ ސަބަބުންނެވެ.
ލައިޝާއާއި ޚިލާފަށް، ލަޔާލް ބޭނުންވީ އާރކިޓެކްޗާރ އާއި ޑިޒައިނިންގ ގެ ރޮނގުން ކުރިއަށްދާށެވެ. އެއީ ރާއްޖޭގައި މިދާއިރާގައި އުޅޭ އަންހެނުން މަދުވުމާއި އެކުގައެވެ. އޭނާ އަބަދުވެސް ބޭނުންވާނީ، އެހެންމީހުންގެ ޚިޔާލާއި ނުގުޅޭ ކަހަލަ، މޮޅެތި އެއްޗެއްސާއި ތަންތަން ފަރުމާކުރެވޭތޯއެވެ. އަބަދުވެސް ލަޔާލްގެ ޢަޒުމަކީ ބައްޕަ އާއި ދޮންތަ އުފަލުގައި ބެހެއްޓުމެވެ. އޭނާގެ ދާއިރާއިން ތަޢުލީމް ޙާޞިލް ކުރުމަށް ދުރަށް ނުގޮސް އޮންލައިން ކޮށް ކޯސް ހެދުމުގެ ބޭނުމަކީވެސް ބައްޕަ އެކަނިވިޔަނުދިނުމެވެ.

HIY ADHU RONEEYEY PART 1

ހިތް އަދު ރޮނީޔޭ       
މުހަންމަދު މައިސޫން މޫސާ                      
“މަންމާ!………މަންމާ!……” ލަޔާލް ދުވަމުން ހަޅޭއްލަވަމުން ސަލާމަތަށް އެދި ގޮވަމުން ދިޔައެވެ. އެހެނަސް، މެންދަމުގެ އެ ހަމަ ހިމޭން ނިދި ގެއްލުވާލައިގެން، ނިކަމެތި އަންހެން ކުއްޖެއް ސަލާމަތަށް އަންނާނީ ފަހެ ކާކު ހެއްޔެވެ؟
ލަޔާލް އޮފީހުން ނިކުތީ ވަރަށް ގިނައިރު ވަންދެން މަސައްކަތުގައި އިނުމަށްފަހު، ދެންހުރި ކަންތައް ފަހުން ނިންމާލުމުގެ ޚިޔާލު އައުމާއިއެކު ގެއަށް ދިއުމަށް ޓަކައެވެ. އޮފީހަކީ ޗާންދަނީ މަގުގައި ހުންނަ ތަނެއް ކަމުން، މަގު ހުރި ސީދަލަށް ވާގޮތަށް ލަޔާލް ހިނގައިގަތީ، ބަނޑުހައިވެފައި ހުރުމާއިއެކު އަވަހަށް ގެއާއި ހަމައަށް ފޯރާނެ ކަމުގެ އުއްމީދުގައެވެ. އަދި، އެއީ އޯކިޑް މަގުގައި ހުންނަ ލަޔާލްގެ ގެއަށް ދެވޭނެ އެންމެ ކުރު ރާސްތާއަށްވީމައެވެ.
ވަކިހިސާބަކުން ގޮތް ނޭގޭ ބަޔަކު، އައި ގޮތަސް އައިސް ލަޔާލް ގެ ގައިގައި ހިފައި ގަތެވެ. އެބަޔަކު އުޅުނީ އޭނާގެ އަތުގައި ހުރި އެތިކޮޅު ފޭރި ގަތުމަށް ފަހު، ލަޔާލްގެ ހަށިގަނޑުވެސް އެމީހުން ބޭނުންވާގޮތަށް ފޭރި ގަންނާށެވެ. ކަންދިމާކުރި ގޮތުން އެމީހުން ތިބީ، ބޭނުން ކޮށްފައިވާ އެއްޗެއްގެ ސަބަބުން ހަމައިން ނެއްޓިފައެވެ. އެހެންކަމުން ލަޔާލް ދެފަހަރަކު ސަލާމަތްވުމަށް ތެޅިގަނެފައި އެތަނުން އެކަކުގެ އަތުގައި ދަތް އެޅުމާއިއެކު، އޭނާ ގެނައި ހަރަކާތަކުން ދެން ހުރި މީހާވެސް ވިއްސައިގެން ދިޔައެވެ. ތަންވަޅު ބަލާފައި ލަޔާލް ކަރުގައި އަޅާފައިވާ ދޯޕައްޓާގައި އަރިމަތިން ގޮށެއް ޖަހާލުމަށްފަހު، ފައިވާން އަތަށް ނަގައިގެން ދުވަން ފެށިއެވެ.
“އޭތް… އޭތް….ސައްޕޭ….އެއޮށްނައްޓާލީ….” އެތަނުން އެކަކު ރަނގަޅަށް ހޭވެރިކަން ވެގެން ހަޅޭއްލަވަންފެށިއެވެ.
“ދެން އަތެއްނުވާނެ!…ފަހަތުން ދުވާނެ ކަމެއްނެތް!…” ދެން ހުރި މީހާ ފާޑަކަށް ތެދުވަމުން ބުންޏެވެ.
ލަޔާލް ދުވަމުން ދެވުނީ ކިހާހިސާބަކަށް ކަމެއްވެސް ނޭނގެއެވެ. ކުއްލިއަކަށް ކުރިމަތިން އައި ސައިކަލެއްގައި ޖެހިފައި ލަޔާލް ވެއްޓުނެވެ. ނަސީބަކުން ސައިކަލު އައީ ވަރަށް މަޑުދުވެއެޔެއްގައެވެ.
“މަންމާ!…”.ލަޔާލް ބިރުން ހުރިވަރުން ކަރުގެ އެންމެ ހިމަ ނާރު ބުރި ވާ ވަރަށް ހަޅޭއްލަވައިގަނެވުނެވެ.
“ޝިޓް….





މައި ފްލާރޒް…ޔޫ…”

ކުރިމަތިން އައި ސައިކަލުގައި އިން ޒުވާނާނުރުހުން ވެ ހުރި ނަމަވެސް ވަރަށް ހުޝިޔާރުކަމާއިއެކު، ލަޔާލް ކޮޅަށް ތެދުވުމަށް އެހީތެރިވެދިނެވެ.
“ވަޓް ދަ ހެލް ޔޫ ޑިޑް؟….މި މާތަކަކީ މަށަށް ހާދަ މުހިއްމު އެއްޗެކޭ!…ބަލައިގެން ނޫޅެވެންޏާ މަގުމައްޗަށް ނުނިކުންނާނީ އޭ!” އެ ޒުވާނާ ފަތި ފައްޗަށް އަމުނާލިއެވެ. އަދި އޭނާ އަތުން ވެރުން މާތައް ނަގައިގެން ފިރުމަންފެށިއެވެ.
ލަޔާލް އަށް މީހަކު އެއްޗެކޭ ކިޔާހެންވެސް ހީނުވެއެވެ. ހިލައިގެ ބުދެއްހެން ހުއްޓިފައި ހުރެވުނީއެވެ. ކުރިމަތިން މިފެންނީ ޙަޔާތުގައިވެސް ދުށުން އެންމެ އެދޭ މަންޒަރޭ އޭނާގެ ހިތް ބުނަމުން ދިޔައި ކީއްވެގެން ކަމެއް ނޭނގެއެވެ. ދުވަހަކުވެސް ފިރިހެން ކުއްޖަކު ފެނުމުން ނުބެލޭ ވަރަށް މި ކުޑަ ކުޑަ ހިނދުކޮޅު ތެރޭ ބެލެމުން އެބަދެއެވެ. އެހާވެސް ބޮޑަށް އޭނާގެ ހިތް އޭނާގެ އަތުން ވީއްލިގެން ދުރަށް ދާން ފަށައިފިއެވެ. އެރީތި މެސްމެރައިޒިންގ ދެލޮލެވެ. ނުހަނު ފުރިހަމަ ތުންފަތެކެވެ.އޭނާ ވާހަކަ ދައްކަމުން ދިޔައިރު، އިލިކޮށް ކޮޅަށް ޖަހާފައި ހުރި އިސްތަށި ތަކަށް ވަމުން ދިޔަ ގޮތް ކަޅިޖަހާނުލައި ލަޔާލް ގެ ހިތުގައި ރައްކާކުރަމުން ދިޔައީ ލައިވް ޝޯވ އެއްގައި ވެސް ނުވާނެހައި ފުރިހަމައަށެވެ. އެންމެ އަޅައިގަތީ ވަރަށް މޮޑެލިންގ ގޮތަކަށް ސައިކަލުގައި އަތް އަޅުވާލައިގެން ހުރި ގޮތެވެ.ވާހަކަ ދައްކާލުންވެސް ހަމަ އެފަދައެވެ. ފިރިހެންވަންތަ އަޑެކެވެ.
“ހޭއި… ޔޫ… އަމް ޓޯކިން ޓު ޔޫ….މަންމަން ވީތަ އަނެއްކާ؟…” ޒުވާނާ ރުޅިވެރިނަޒަރަކުން ބަލާލުމާއިއެކު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ލަޔާލް އަށް ހުވަފެނީ ދުނިޔެއިން ނިކުމެވޭ ވަރުވީ އެހާހިސާބުންނެވެ.
“އޯ…އަ….އަ…އަޅުގަނޑު ފަހަތުން….” ލަޔާލް އަށް އެހާހިސާބަށް ބުނެވުން ތަނުން އޭނާއާއި ދިމާކުރަމުން އައި މީހުންނަށް އެހިސާބަށް އާދެވިއްޖެއެވެ.
“އަވަސް….އަހަރެން ސަލާމަތް ކޮށްދީ!… ހެޔޮނުވާނެ….ހެޔޮނުވާނެ…އަވަސް…”ލަޔާލް އަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ނަމަވެސް ކުރިމަތީހުރި ފިރިހެން ކުއްޖާ އަވަހަށް ލަޔާލް އޭނާގެ ސައިކަލުގައި އޭނާގެ ފަހަތުގައި އިށީނުމަށް ބުންޏެވެ. ލަޔާލް ސައިކަލުގައި އިށީނުމާއިއެކު، ވައިސޫރިއެއް ދާހައި ބާރުމިނުގައި ޒުވާނާ ދުއްވާލިއެވެ. ލަޔާލް އަށް ބިރުން ލޯ މަރާލެވުނެވެ. މިރޭ މިކުރިމަތިވަނީ ކޮންކަހަލަ ކަންތައްތަކެއް ހެއްޔެވެ؟ އޭނާ ގެއަށް ދާން ނިކުތް ފަހުން މިވީ ކިހާ އިރެއް ކަމެއްވެސް ނޭނގެއެވެ. އަނެއްކޮޅުން މި ޒުވާނާ، މއީ އަނެއްކާ ކާކު ބާއެވެ؟ ގަތްފައި ހުރި ބިރަށް ވުރެވެސް ބޮޑަށް މިޒުވާނާއާއި މިހާ ކައިރީގައި އިންނަން ޖެހުމުން، ހިތަށް ވަމުން މިދާގޮތް…. އާހް… އޭނާގެ ހިތް މިހާ ފަސޭހައިން ދޫވި ފަހަރެއް އަދި ނާދެއެވެ. ސްކޫލް ދުވަސްވަރުވެސް ފަހަތުން އައި އެތައް ކުދިންނަކަށް ރައްދު ޖަވާބު ދެމުން ދިޔަ ކަމީ އެތަނުން އެކަކަށްވެސް އޭނާގެ ހިތާއި ކުޅެނުލެވުނު ކަމުގެ ހެއްކެކެވެ. ނަމަވެސް، ދާދި ދެންމެއަކު ދިމާވި މީހަކަށް އިތުބާރުކޮށް މިހާ ދަންގަޑިއެއްގައި އޭނާ ބުނި ބުނުމަކަށް އޭނާގެ ސައިކަލު ފަހަތަށް އެރުނީތީވެސް ލަޔާލް ޙައިރާން ވިއެވެ.

GST

ޖީއެސްޓީ!! ޖީއެސްޓީ!!  ވ           

މުހަންމަދު މައިސޫން                                            08 މެއި 2014 12:35

މިއަދު ހެނދުނު އަޅުގަނޑު ދިޔައީ ފޯނައް ރީލޯޑް އަޅާލަން ފިހާރަޔަކަށެވެ. ގޮސް ފޯނައް އެޅީ 35 ރުފިޔާއެވެ. 35 ރުފިޔާ އަޅާފައި ކޭށިއަރު އަތައް 35 ރުފިޔާ ދިނީމެވެ. ދެންކޭށިއަރު ބުންޏެވެ. އަދި އިތުރު 3 ރުފިޔާ ދޭށެވެ. އެއީ ކޮން 3 ރުފިޔާއެއްތޯ ސުވާލު ކުރީމައި ބުނީ ޖީއެސްޓީކަމެވެ. ނަމަވެސް އަސްލަކީ ކޮބައިތޯއެވެ. އަރާނީ 2.1 ރުފިޔާއެވެ. މިއީ އާންމުކޮއް ހަދާގޮތެކެވެ. އެއިރުން 0.9 ރުފިޔާ ލިބުނީނޫންތާއެވެ. އިންޕޯޓް ޑިއުޓީ ކަނޑާލާފައި އުފެއްދި ޖީއެސްޓީއަކީ ހަރާމްއެއްޗެއްކަމާއި އެދައްކައިގެން ނުވާނެކަމައް ބުނީ ކޮންބަޔެއްތޯއެވެ. މިއަދު އަޅުގަނޑު ގަސްތުކުރަނީ އެބައިމީހުންނައް ރައްދެއް ދޭށެވެ.

 ރައީސް ނަޝީދުގެ ސަރުކާރުގައި ދައުލަތައް ލިބެމުންދިޔަ އާމްދަނީ 5 މިލިއަނުން 11 ނުވަތަ 12 މިލިޔަނައް ބަދަލުކުރީ ވަރައް ކުޅަދާނަ އަދި އެހާމެ ހިއްވަރުގަދަ ނިންމެވުންތަކެއް ނިންމަވައިގެންނެވެ. އެގޮތުން އޭރުގެ މަނިޓަރީ އޮތޯރިޓީގެ ވެރިފަރާތްވެސް ވިދާޅުވެފައިވަނީ މިއީ ކުރިމަގައް އެޅުނު ބިންގަލެއްކަމެވެ. ސަރުކާރެއް ދެމެހެއްޓުމައް އުފެދިގެންދިޔަ ބާރެއްކަމެވެ. އެގޮތުން ރައްޔިތުންނައް މައުލޫމާތު ދީ ރައްޔިތުންގެ ތެރެއިން ކޮންމެވެސް ވަރަކައް މީހުންގެ ނުރުހުން އޮތްނަމަވެސް ފެއްޓިގެންދިޔަ ޖީއެސްޓީ އަކީ މުސްކުޅިންނައް ދެވޭ 2000 ރުފިޔާއާއި އާސަންދައިގެ މައި ބާރަކައް ވެގެންދިޔައެވެ. ނަމަވެސް ހަތުރުވެރިން ބެލީ މިކަމުންވެސް ސަރުކާރައް ޖެއްސުން ކުރެވޭތޯއެވެ.
\
 އިންކަމް ޓެކްސް ގެ ބިލް ފާސްނުކޮއްގެން އުޅެނީ ކީއްވެތޯ މިއީ އުފެދޭ ވަރައްބޮޑު ސުވާލެކެވެ. ސަބަބަކީ މީގެސަބަބުން ރައީސުލްޖުމްހުރިއްޔާއައް ލިބޭ 150000 ރުފިޔާއިންނާއި ނައިބައް ލިބޭ 75000 ރުފިޔާއިންނާއި މިނިސްޓަރުންނާއި މަޖިލިސްމެންބަރުންނާއި މަހުޖަނުންގެ އަތުން އަދަދެއް ދައްކަން ޖެހޭނެތީއެވެ. ގައިމުވެސް އާދައިގެ ރައްޔިތަކައް 30000 ރުފިޔާ މުސާރަޔަކައް ނުލިބޭނެއެވެ. އެހެންކަމުން އެ އިންކަމް ޓެކްސްގެ ބިލް ފާސްނުކޮއް ޖީއެސްޓީއާއި ޑިއުޓީ އާއި އެހެނިހެން އެއްޗެހި ބޮޑުކޮއްގެން ރައްޔިތުން ފެލާލަނީ އެބައިމީހުންގެ ކޮން ހެޔޮހިތެއް އޮވެގެންތޯ ސުވާލުއުފެދެއެވެ.

އޭރު ނެގި ޖީއެސްޓީއާއި މިހާރު މިނަގާ ޖީއެސްޓީއާއި ހުރި ތަފާތައް ބަލާލަމާހެއްޔެވެ. އޭރު ސުންރޭޓުގައި ޖީއެސްޓީ ނެގޭ މުދާކަމުގައިވާ ނެޕީ ފަދަ ޒަރޫރީ އެއްޗެހިން ޖީއެސްޓީ ނެގުމުގެ އިތުރައް މިހާރު އުޅެނީ ޑިއުޓީވެސް ނަގާށެވެ. އެއިރުން ތަކެތީގެ އަގު އުފުލޭނީތޯ ނޫނީ ދައްވާނީތޯ ނުވަތަ އިންފްލޭޝަން ދައްވާނީތޯ މިސުވާލުގެ ޖަވާބު ދެއްވާނީ އަޅުގަޑުމެންގެ އިގްތިސާދީ މާހިރެވެ. ގައިމު އަޅުގަނޑުގެ ކަހަލަ ކުޑަކުޑަ އިލްމެއް ލިބިފައިހުރި މީހަކައްވެސް އެވަރު އެނގެއެވެ. 4 ނުވަތަ 5 މީހުން ދިރިއުޅޭ އާއިލާއަކުން މަހެއްގެ މައްޗައް 5 ނުވަތަ 6 ހާސް ޖީއެސްޓީގެ ގޮތުގައި ސަރުކާރައް ނެގިގެން ދިޔުމަކީ ދީނައްޓަކައި ގައުމައްޓަކައި އައިސަރުކާރުގެ އިހްލާސްތެރިކަން ފާޅުވާ އަލިގަދަ ހެއްކެކެވެ.
ދަރިންގެ އަތުން ފެލާލައިގެން މުސްކުޅި މާމަޔައް 5000 ރުފިޔާ ދިނީމައި އެ މާމަ ކިތަންމެ ހިތްހަމަޖެހުނަސް އެއީ އެ ކުޑަކުޑަ ދަރިޔައް ކިހާބޮޑު ވޭނެއްހެއްޔެވެ. ކުޑަކުދިން ގޮވައިގެން އުޅޭ މީހުންނައް ގައިމުވެސް އެންމެ ރުފިޔާއެއްވެސް ވާނީ ބޮޑު އެއްޗަކަށެވެ. އެހެންކަމުން ދީނައްޓަކައި ގައުމައްޓަކައި އަދި އެހެނިހެން ކަންކަމައްޓަކައި އައި އިގްތިސާދީ ސަރުކާރުގެ ކުޅަދަނަކަމާއި މޮޅުކަން އެއީ ސުވާލުން ފުރިގެންވާކަމެކެވެ.

( ނިމުނީ )